364 ދަރިވަރަކު ނެޝަނަލް ސާވިސްގެ ތަމްރީން ފުރިހަމަ ކޮށްފި
364 ދަރިވަރަކު ނެޝަނަލް ސާވިސްގެ ތަމްރީން ފުރިހަމަ ކޮށްފި

އަހުލާގު ރަނގަޅު، ހިދުމަތްތެރި ޒުވާނުންތަކެއް ބިނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައާރަފްކުރެއްވި މޯލްޑިވްސް ނެޝަނަލް ސާވިސް (ދިވެހި ވަތަނީ ހިދުމަތުގެ) ތަމްރީނުގެ ފުރަތަމަ ބެޗުގައި 346 ދަރިވަރުން މިއަދު ދަސްވެނިވެއްޖެ އެވެ.

އެމްއެންޑީއެފްގެ މާފިލާފުށި ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ކުރިއަށް ގެންދިޔަ އެ ޓްރެއިނިން ނިންމި ދަރިވަރުން ދަސްވެނިވީ މާފިލާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ބައިވެރިވެވަޑައިގަތެވެ.

ނެޝަނަލް ސާވިސްގެ ތަމްރީނު ނިންމައި ދަސްވެނިވި ދަރިވަރުންނަށް އަޒުމް ލައިދިނުމާއި އެ ދަރިވަރުންގެ ހިނގާލުން އެ ރަސްމިއްޔާތުގައި ކުރިއަށް ދިޔަ އެވެ.

މިދިޔަ އޮކްޓޯބަރުގައި ފެށި ނެޝަނަލް ސާވިސްގެ ފުރަތަމަ ބެޗުގެ ޓްރެއިނިން ކުރިއަށް ގެންދިޔަ ގޮތުގެ ރިޕޯޓް ހުށަހަޅުއްވަމުން، މާފިލާފުށީ ނެޝަނަލް ސާވިސް ޓްރެއިނިން ސެންޓަރުގެ ޗީފް އިންސްޓްރަކްޓަރު ލެފްޓިނެންޓް ކާނަލް މުހައްމަދު ޝަފީއު ވިދާޅުވީ އެ ތަމްރީނުގައި 108 ރަށަކުން 350 ދަރިވަރުން ބައިވެރިވި ކަމަށެވެ. އެއީ 64 އަންހެން ދަރިވަރުންނާއި 286 އަންހެން ދަރިވަރުންނެވެ. އެ ދަރިވަރުންގެ އެވްރެޖް އުމުރަކީ 18 އަހަރެވެ.

ޝަފީއު ވިދާޅުވި ގޮތުގައި އެ ޓްރެއިނިން ގައި ކިޔަވައިދިން މާއްދާތަކަކީ ދިވެހި ގައުމިއްޔަތާއި ޒިންމާދާރު ރައްޔިތުކަމާއި ލެންގުއެޖް ޕްރޮފިޝެންސީ، ލީޑަޝިޕް، އިސްލާމިކް ސްޓަޑީޒް، ފިޒިކަލް ޓްރެއިނިން، ވޯޓާމޭންޝިޕް ޑްރިލް، ފަސްޓް އެއިޑް، ފަޔަ ފައިޓިން، ސެލްފް ޑިފެންސް އަދި ކޭމްޕް އެކްޓިވިޓީސް އެވެ.

ޓްރެއިނިންގެ ބައިވެރިންނަށް އެ މާއްދާތައް ކިޔަވައިދެއްވުމުގައި ސިފައިންގެ މުދައްރިބުންގެ އިތުރުން ކަމާ ބެހޭ މިނިސްޓްރީތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓްރެއިނިން ގައި ބައިވެރިވި 350 ދަރިވަރުންގެ ތެެރެއިން މިއަދު ދަސްވެނިވީ 346 ދަރިވަރުންނެވެ. އެ ތަމްރީނު ފުރިހަމަކުރި ހުރިހާ ދަރިވަރުންނަށް ވެސް ޓްރެއިނިން ފުރިހަމަކުރިކަމުގެ ސަނަދެއް ދިނެވެ. އޭގެ އިތުރުން ކަނޑައެޅި ވަކި މިންގަނޑެއް ހާސިލުކުރި ދަރިވަރުންނަށް ސެޓިފިކެޓް 3 އިން ސިވިކް އެޑިއުކޭޝަން އެންޑް ލީޑަޝިޕް ދިނެވެ.

ޝަފީއު ވިދާޅުވި ގޮތުގައި ޓްރެއިނިންގައި ބައިވެެރިވި ދަރިވަރުންގެ ތެރެއިން 96 ޕަސެންޓް ދަރިވަރުން އެ ސެޓްފިކެޓް ހާސިލުކުރި އެވެ.

ނެޝަނަލް ސާވިސް އިފްތިތާހުކުރަން މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މިއީ ޒުވާނުން ބިނާކުރުމަށް ފެށި ވަރަށް މުހިއްމު މަސައްކަތެއް ކަމަށާއި އެ ހިދުމަތް ތައާރަފްކުރަން ނިންމެވީ ރާއްޖޭގެ ތަރައްގީ ފުރިހަމަކުރެވޭނީ ޒުވާނުން ބިނާކޮށްގެން ކަަމަށް ވާތީ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ތަމްރީނަކީ ވަރަށް މުހިންމު އަދި ލިބުނު ވަރަށް މުހިއްމު ފުރުސަތެއް ކަމަށް ދަރިވަރުން ގަބޫލުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި ތަމްރީނު ނިމިގެން ދެވަނަ ފިޔަވައްސަށް ދާއިރުގައި، ތިޔަ ކުދިން، ތިޔަ ޒުވާނުން ވެގެންދާނީ އަޅުގަނޑުމެން މި އުއްމީދުކުރާ ފަދަ އަދި ތިޔަ ކުދިން ވެސް އުއްމީދުކުރާ ފަދަ ބަޔަކަށް. މިހާރަށް ވުރެ ބޮޑަށް ގައުމަށް ހިދުމަތްތަކެއް ކުރެވޭ އަމިއްލަ ހަޔާތް އިތުރަށް ވަރުގަދަކަމާ އެކީގައި ކުރިއަށް ގެންދެވޭނެ ފަދަ ގޮތަކަށް އެމްޕަވާ ކުރެވިފައިވާ ޒުވާނުންތަކަކަށް،" ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސް ސިފަކުރެއްވި ގޮތުގައި ގައުމާއި އިސްލާމްދީން ދެކެ ލޯބިވާ ޒުވާނަކު ބިނާކުރުމަކީ 50 ބުރީގެ އިމާރާތެއް ބިނާކުރުމަށް ވުރެ ވެސް މާ މުހިއްމު ކަމެކެވެ. އެހެންވެ ނެޝަނަލް ސާވިސް ޕްރޮގްރާމަކީ ވަރަށް ތާރީހީ މަސައްކަތެއް ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.