28 ޑިސެމްބަރ 2025 - 15:53

ހުޅުމާލޭގައި އެންމެ ފަހުން އިމާރާތްކުރި ފްލެޓުތައް ލިބޭ މީހުންގެ ފައިނަލް ލިސްޓުގައި ނަން ހިމެނުނަސް އަސާސީ ޝަރުތު ހަމަނުވާ 450 އަށް ވުރެ ގިނަ މީހުންގެ އަތުން ފްލެޓު އަތުލާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން މުއްތަލިބު ވިދާޅުވީ، ލިސްޓު ރިވިއު ކުރިއިރު އަސާސީ ޝަރުތު ފުރިހަމަނުވާ މީހުންގެ އަތުން ނޫނީ ފްލެޓު އަތުނުލާ ކަމަށެވެ. އަދި ޝަރުތު ހަމަވާކަން ސާބިތުކުރަން ފުރުސަތު ދިނުމަށްފަހު ނޫނީ ފްލެޓު ލިސްޓުން ނަން އުނިކޮށްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަސާސީ ޝަރުތެއް ހަމަވެގެން ނޫން ގޮތަކަށް އެއްވެސް މީހެއްގެ އަތުން ކެންސަލްކޮށްފައެއް ނޯންނާނެ." މުއްތަލިބު ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލުމުގެ އަސާސީ ޝަރުތަކީ މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވުމާއި އަމިއްލަ ނަމުގައި ފްލެޓެއް ނުވަތަ ބިމެއް ނެތުމެވެ.
އޭރު ހުޅުވާލިއިރު ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން ތިއްބެވެ. އޭގެ ތެރެއިން، އެންމެ ފުރަތަމަ ކަނޑައެޅީ 4،000 ފްލެޓް ލިބޭ މީހުންނެވެ. ތިން ކޮޓަރި ދޭން ހަމަޖެއްސީ 76 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށެވެ. ދެ ކޮޓަރީގެ ފްލެޓު ދޭނީ 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.
ފްލެޓު ލިސްޓު ރިވިއުކުރުމަށްފަހު ވެސް މި ސަރުކާރުން ނިންމީ، ކުރީގެ ސަރުކާރުން އެކުލަވާލި ލިސްޓަށް ފްލެޓު ދޭށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ލިސްޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް، ކުރީގެ ފައިނަލް ލިސްޓަށް ފްލެޓު ދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
ފްލެޓް ހަވާލުކުރުމުގެ މަރުހަލާގައި ބަލަން ޖެހޭ ކަންކަން ފުރިހަމަކުރުމަށް ފަހު، ޝަރުތު ހަމަނުވާ ނަމަ އެއްބަސްވުމުގައި ސޮއިނުކުރެވޭނެ ކަމަށް މިނިސްޓްރީން އޮތީ ބުނެފަ އެވެ. އެކަމަކު މިހާތަނަށް އެ އަދަދު މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
މުއްތަލިބު ވިދާޅުވީ 450 އަށްވުރެ ގިނަ މީހުންގެ އަތުން ފްލެޓު އަތުލާފައިވާ ކަމަށާއި ފްލެޓް ހަވާލުކުރުމުގެ މަރުހަލާ ކުރިއަށްދާއިރު އަދިވެސް ބައެއް ފޯމުތައް ރިވިއުކުރަމުން އަންނަ ކަމަށެވެ.
އެފްޑީސީން މިހާރު އަންނަނީ ފްލެޓު ލިބުނު މީހުންނާ އެތަންތަން ހަވާލުކުރަމުންނެވެ. އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ އަންނަ މަސް ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް ހަވާލުކޮށް ނިންމުމަށެވެ.