ހިޔާވަހި ފައިނޭންސިންނަށް އެދި 2،256 މީހުން ހުށަހަޅާފައިވޭ: މުއްތަލިބު
ހިޔާވަހި ފައިނޭންސިންނަށް އެދި 2،256 މީހުން ހުށަހަޅާފައިވޭ: މުއްތަލިބު

ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ލޯނު ދޫކުރާ "ހިޔާވަހި" ފައިނޭންސިން ސްކީމަށް އެދި 2،256 މީހުން ކުރިމަތިލާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ހިޔާވަހި ސްކީމުގެ ދަށުން ތިން ކެޓަގަރީއެއް ކަނޑައަޅާފައިވެ އެވެ. އެއީ ރަށްވެހި އާއި ސަހަރު އަދި ފަހިމާލެ އެވެ.

ހައުސިން މިނިސްޓްރީގެ ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ "ރަށްވެހީ"ގެ ދަށުން އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާ އެ ސްކީމަށް އެދި 1،329 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ. އަދި ތިން މިލިއަނާ ހަމައަށް ލޯނު ދޫކުރާ، "ސަހަރު" އެދި 586 އެޕްލިކޭޝަން ހުށަހަޅާފައިވާއިރު ހަ މިލިއަނާ ހަމައަށް ލޯނު ދޫކުރާ "ފަހިމާލެ" އަށް 341 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ ހިޔާވަހި ފައިނޭންސިންނަކީ ސަރުކާރުން ރައްޔިތުންނަށް ސީދާ ދޭ ލޯނެއް ނޫން ކަމަށާއި އެއީ ބޭންކް މެދުވެރިކޮށް ދޭ ލޯނެއް ކަމަށެވެ. އެކަމަކު ރައީސްގެ ރިޔާސީ ވައުދުފުޅުގެ ދަށުން އަމިއްލަ ގޯތީގައި އިމާރާތްކުރަން ދޭ ލޯނުގެ އަގު ކުޑަކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރިން 10 ޕަސެންޓުގައި ހުރި ލޯނު 5 ޕަސެންޓަށް ކުޑަކޮށްދީ އިކުއިޓީ ދެއްކުމަށް ވެސް ލުއިތަކެއް ވަނީ ސަރުކާރުން ދީފަ އެވެ.

"އެހެންވީމަ ސަރުކާރުން ސަބްސިޑައިޒްކޮށްގެން އަގުހެޔޮކޮށްގެން ދޭ ލޯނު ސްކީމެއް. އެހެން ނަމަވެސް ބޭންކުން ދޭ ލޯނަކަށް ވާތީ ބޭންކުގައި ހުންނަ އުސޫލުތައް ވެސް މީގެ ތެރޭގައި ފެތިގެންދާނެ. އޭގެ ތެރޭގައި ކުރިން ލޯނު ނަގާފައި ލޯނު ނުދައްކާ ފަރާތަކަށް ބޭންކަކުން ލޯނެއް ނުދޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވި ގޮތުގައި މި ސްކީމުގެ ދަށުން 717 ފަރާތަކަށް މިހާތަނަށް ވަނީ ލޯނު އެޕްރޫވްކޮށްފަ އެވެ. އެއީ 821 މިލިއަން ރުފިޔާގެ ލޯނެވެ. އެކަމަކު މިހާރު ކުރިއަށްދާ ބުރުގައި 1 ބިލިއަން ރުފިޔާގެ ލޯނު ދޫކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ހިޔާވަހި ފައިނޭންސިން ސްކީމަށް ހުށަހަޅާއިރު، ފާސްކޮށްފައިވާ ކުރެހުމެއް ހުށަހެޅުމުގައި ލުއި ގޮތްތަކެއް ވަނީ ހަމަޖައްސައިފަ އެވެ. އެއީ، މާލޭ ސިޓީ ކައުންސިލަށް ކުރެހުން ހުށަހަޅައިގެން ފާސްކުރުމަށް ވަގުތު ބޭނުންވާތީ، ކައުންސިލުން ފާސްކުރި ކުރެހުން ނެތަސް އިންޖިންނިއަރިން އާއި އާކިޓެކްޓް ސްޓޭމްޕް ޖަހާފައިވާ ނަމަ ހުށަހެޅޭ ގޮތަށް އުސޫލަށް ބަދަލު ބަދަލު ގެނައުމެވެ.

އެ ލޯނު ދޭނީ އިސްލާމިކް ފައިނޭސިންގެ އުސޫލުން ފަސް ޕަސެންޓުގެ ޕްރޮފިޓް ރޭޓުގަ އެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭއިރު ލޯނު ދޫކުރާނީ އަލަށް ގެއެއް އިމާރާތްކުރާ މީހުންނަށެވެ.

ގެއެއް އިމާރާތްކުރަން ފަށައި ނުނިމި ހުރި ނަމަ އެ މަސައްކަތް ނިންމަން ވެސް ލޯނު ލިބެ އެވެ. އަލަށް ގެއެއް އިމާރާތްކުރަން ބޭނުންވާ އަދި ގެއެއް އިމާރާތްކުރަން ފަށައި މަސައްކަތް ނުނިމި ތިބި މީހުންނަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ހައުސިން މިނިސްޓްރީއާ އެކު، މި ފައިނޭންސް ސްކީމްގައި ލޯނު ދޫކުރަނީ ބީއެމްއެލްގެ އިތުރުން އެޗްޑީއެފްސީ އާއި އެމްއައިބީންނެވެ.