28 ޑިސެމްބަރ 2025 - 08:51

ފަލަސްތީނުގެ ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތަށް ފަންޑު ހޯދައިދޭ ކަމަށް ތުހުމަތުކޮށް، އިޓަލީން ހަތް މީހަކު ހައްޔަރުކޮށްފި އެވެ.
އެ ގައުމުގެ ފުލުހުން ބުނީ، މިކަމުގައި ތުހުމަތު ކުރެވޭ އިތުރު ދެ މީހަކު ގައުމުން ބޭރުގައި އުޅޭތީ، ބައިނަލްއަގުވާމީ އިދާރާތައް މެދުވެރިކޮށް އެ މީހުން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައިވާ ކަމަށެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ފަލަސްތީނުގެ ހައްގުގައި ވަކާލުކުރާ ތިން ޖަމިއްޔާއެއްގެ މީހުން ވެސް ހިމެނޭއިރު، އެ ޖަމިއްޔާތަށް ބޭނުންކުރަނީ، ހަމާސް އަށް ފަންޑު ހޯދައިދޭން ކަމަށް އިޓަލީން ތުހުމަތު ކުރެ އެވެ.
ހަމާސްއާ ގުޅުން ހުރި ޖަމިއްޔާތަކަށް އެކި ގޮތް ގޮތުން އެ ނުވަ މީހުން އިސްވެ ތިބެ، 8 މިލިއަނަށް ވުރެ ގިނަ ޔޫރޯ ހޯދައިދީފައިވާ ކަމަށް އިޓަލީގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެ ފައިސާ ހޯދާފައި ވަނީ ޖަމިއްޔާ ހިންގުމުގެ ނަމުގައި ކަމަށް ވިޔަސް، އޭގެ ތެރެއިން 70 ޕަސެންޓަށް ވުރެ ގިނަ ފައިސާ ފޮނުވާފައިވަނީ ހަމާސް އަށް އެހީވުމަށް ކަމަށް ވެސް ފުލުހުން ތުހުމަތު ކުރެ އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި، ޕަލަސްޓީނިއަން އެސޯސިއޭޝަންގެ އިޓަލީގެ ގޮފީގެ ރައީސް ހިމެނޭ ކަމަށް އިޓަލީގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
އިޓަލީގެ ދާހިލީ ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ނަމުގައި، ހައްޔަރު ކޮށްފައިވާ މީހުން ވަނީ "ޓެރަރިސްޓު ޖަމިއްޔާއަކަށް" ފަންޑު ހޯދަން މަސައްކަތް ކޮށްފައި ކަމަށެވެ.