ދަގަނޑޭ އެނބުރި އައި މެޗުން މޮޅުވެ ނިއު އަށް ހަމަޖެހުމެއް
ދަގަނޑޭ އެނބުރި އައި މެޗުން މޮޅުވެ ނިއު އަށް ހަމަޖެހުމެއް

އަނިޔާގެ ސަބަބުން ދެ އަހަރަށް ވުރެ ގިނަ ދުވަހު ކުޅުމާ ދުރުގައި ހުރެފައި އަލީ އަޝްފާގް (ދަގަނޑޭ) އެނބުރި އައި މެޗުން މިރޭ، ދިރާގު ދިވެހި ލީގުގައި ބުރު ސްޕޯޓްސް އަތުން 3-0 އިން ނިއު ރޭޑިއަންޓް މޮޅުވެއްޖެ އެވެ.

މިއީ ފަހަކަށް އައިސް ފޯމު ދަށްވެފައި އޮތް ނިއު އަލުން ހަމަޔަކަށް އެޅުމަށް ހޯދި މުހިއްމު މޮޅެކެވެ. ނިއު މިވަނީ 23 ޕޮއިންޓާ އެކު ތިން ވަނަ އަށް އަރައިފަ އެވެ. ތާވަލުގެ އެއް ވަނައިގައި އޮތް މާޒިޔާ ވަނީ 34 ޕޮއިންޓް ހަމަކޮށްފަ އެވެ. އަދި ދެ ވަނައިގައި އޮތީ 28 ޕޮއިންޓާ އެކު އޮޑި ސްޕޯޓްސް އެވެ. މިރޭ ބަލިވި ބުރު އޮތީ 20 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.

މިރޭގެ މެޗުގައި ނިއު އިން ލީޑު ނެގީ 25 ވަނަ މިނެޓުގައި ހަސަން ރާއިފް އަހުމަދު (ހަންނަ) ޖެހި ގޯލުންނެވެ. ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އޭރިއާ ތެރެއިން ދިން ބޯޅަ ހަންނަ ގޯލަށް ވައްދާލީ ބުރުގެ ގޯލްކީޕަރު ހަސަން އަލީފް އިބްރާހީމް އަރައަރާ އޮއްވާ އޭނާ އަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.

ނިއުގެ ދެ ވަނަ ގޯލް 53 ވަނަ މިނެޓުގައި ވައްދާލީ ސެންޓޭ އެވެ. ނިއުގެ ފަހަތުން ފޮނުވާލި ބޯޅައެއް ބުރުގެ ކުޅުންތެރިން ދިފާއުކުރަން އުޅުމުގެ ތެރޭގައި، އެއްވެސް ކުޅުންތެރިއަކަށް ލައްވާނުލައި އެ ބޯޅަ ވެއްޓުނީ އޭރިއާ ރޮނގުމަތިން ސެންޓޭ އަށެވެ. އޭނާ އެ ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލީ އެވެ. ނިއުގެ ތިން ވަނަ ލަނޑު އޭގެ ފަސް މިނެޓު ފަހުން ކާމިޔާބުކޮށްދިނީ ވެސް ސެންޓޭ އެވެ.

ދަގަނޑޭ މިރޭ ކުޅެން ނުކުތީ 80 ވަނަ މިނެޓުގަ އެވެ. އޭނާ އެންމެ ފަހުން ގަލޮޅު ދަނޑުގައި ކުޅުނީ 2023 ވަނަ އަހަރުގެ އޭޕްރިލް މަހު ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަށެވެ.

މީގެ ހައެއްކަ އަހަރު ކުރީއްސުރެ އޭނާ ތަހައްމަލުކުރަމުން އަންނަ ކަކުލުގެ އަނިޔާ އަށް ފަރުވާ ހޯދަން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި އިންޑިއާގައި އޭސީއެލް އޮޕަރޭޝަނެއް ވެސް ކުރި އެވެ. އޭގެ ފަހުން ރިކަވާވެގެން ބައެއް ފުޓްސަލް މުބާރާތްތަކުގައި ވެސް ކުޅުނެވެ. އަދި ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ނިއުއާ އެކު ސޮއިކޮށް ފުރަތަމަ ޑިވިޝަނުގައި ވެސް ކުޅެން ތައްޔާރުވި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ކުޅުނު ފުރަތަމަ ދެ މެޗުގައި އޭނާ ބެންޗުން ވެސް ފެނުނެވެ. ނިއު އިން މަސައްކަތްކުރީ އިތުރު އޮޕަރޭޝަނެއް ނުކޮށް ނޮން-ސާޖިކަލީ ފިޓްވެ ކުޅެން ނެރެވޭތޯ އެވެ. އެކަމަކު އެކަން ކާމިޔާބުނުވުމުން މެނިސްކަސް އޮޕަރޭޝަންކުރީ އެވެ.

މިދިޔަ އަހަރުތަކުގައި ދަގަނޑޭ ގައުމީ ޓީމާއި ކްލަބް ލެވަލްގައި ބައެއް މެޗުތައް ކުޅުނީ އަނިޔާގެ ވޭނާ އެކު އެވެ. މާލޭގައި 2021 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕުގައި ކުޅުނީ ވެސް އަނިޔާގެ މައްސަލަތަކާ އެކު އެވެ. އޭނާގެ އަނިޔާ އިތުރަށް ގޯސްވީ، 2022 ވަނަ އަހަރުގެ ކުރީކޮޅެވެ. އެ ފަހަރު ސީޒަން ހުޅުވި މެޗުގައި ވެލެންސިއާ އަށް ކުޅުމަށް ފަހު، ކްލަބް ލެވެލްގެ އެއްވެސް މެޗެއް ނުކުޅެ އެވެ. އެ ފަހަރު އަލުން ފިޓްވެ، ދެން އޭނާ ކުޅުނީ 2023 ގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ. އެކަމަކު އޭޕްރިލް މަހު ޕްރެޒިޑެންޓްސް ކަޕުގައި ކުޅެނިކޮށް އަނެއްކާ ވެސް ކަކުލަށް އަނިޔާވީ އެވެ.

މީގެ ކުރިން ތިން ފަހަރެއްގެ މަތިން ނިއު އަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އުމުރުން 40 އަހަރުގެ ކުޅުންތެރިޔާ މިހާރު ގުނަމުން އަންނަނީ ކެރިއަރުގެ ފަހު ދުވަސްތަކެވެ.