ގަވާއިދާ ހިލާފަށް ސިނގިރޭޓުގެ ވިޔަފާރިކުރާ ބިދޭސީއަކު ހައްޔަރުކޮށްފި
ގަވާއިދާ ހިލާފަށް ސިނގިރޭޓުގެ ވިޔަފާރިކުރާ ބިދޭސީއަކު ހައްޔަރުކޮށްފި

އާ އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ސިނގިރޭޓުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު ހައްުޔަރުކޮށްފި އެވެ.

"ރިވެލި" އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ 44 އަހަރުގެ ޝުކޫރު އަލީ އެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭގައި ބަނގުރަލާއި މަސްތުވާތަކެތި އަދި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނާއި އެ މީހުން ކުރަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.

އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުން 10 ސިނގިރޭޓު ފޮއްޓާއި 3200 އަށް ވުރެ ގިނަ ޑޮލަރާއި 2900 އަށް ވުރެ ގިނަ ރުފިޔާ ފެނުނު ކަމަށް ފުލުހުން ބުންޏެވެ. އޭނާ އުޅެމުންދިޔަ ތަން ބަަލައިފާސްކުރުމުގެ ތެރެއިން 32 ކާޓޫގެ ސިނގިރޭޓާއި 13 ފޮށި ސިނގިރޭޓު ފެނިފައި ވެ އެވެ.

ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ބުންޏެވެ.