27 ޑިސެމްބަރ 2025 - 15:44

ރާއްޖޭގެ އިންޖިނިއަރިން ދާއިރާއިން ފަންނީ ހުނަރުވެރިން ބިނާކުރުމަށްޓަކައި، ވިލާ ކޮލެޖާއި އެޓްމޮސްފިއާ ފައުންޑޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބެވެ. އަދި އެޓްމޮސްފިއާ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ނައިބު ރައީސް އަބްދުލްއަޒީޒް އަބްދުލްހަކީމެވެ.
ވިލާ ކޮލެޖުން ބުނީ އެ އެއްބަސްވުމަކީ ދަރިވަރުންނަށް މަތީ ތައުލީމު ހާސިލުކުރުމަށް އެހީތެރިވުމުގެ ގޮތުން އެޓްމޮސްފިއާ ފައުންޑޭޝަންގެ ފަރާތުން ވިލާ ކޮލެޖުގައި އިންޖިނިއަރިން ދާއިރާއިން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ސްކޮލާޝިޕް ފުރުސަތު ދިނުމަށް ސޮއިކުރި އެއްބަސްވުމެއް ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އެ ސްކޮލާޝިޕް ޕްރޮގްރާމް ހިންގައި ބެލެހެއްޓުމުގެ ހަރުދަނާ އޮނިގަނޑެއް ގާއިމުކުރާނެ ކަމަށް ވެސް ބުންޏެވެ.
ވިލާ ކޮލެޖާއި އެޓްމޮސްފިއާ ފައުންޑޭޝަންގެ ސްޓްރެޓީޖިކް ޕާޓްނާޝިޕްގެ ދަށުން ޖުމުލަ ތިން ދަރިވަރަކަށް އަންނަ ޖެނުއަރީ އިންޓޭކް ގައި ވިލާ ކޮލެޖުގައި ކިޔެވުމަށް ތިން ސްކޮލާޝިޕް ދޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފައުންޑޭޝަން އިން އިންޖިނިއަރިން ޕްރޮގްރާމް ފުރިހަމަ ކުރުމަށް ދޭ ދެ ސްކޮލާޝިޕާއި ބެޗްލާ އޮފް ސިވިލް އިންޖިނިއަރިން ޕްރޮގްރާމް ފުރިހަމަ ކުރުމަށް ދޭ އެއް ސްކޮލާޝިޕެވެ.
މި ސްކޮލާޝިޕްތަކުގައި ދަރިވަރުންގެ ކޯސް ފީ އާއި ކޯހުގައި ދައްކަން ޖެހޭ އިތުރު ފީތައް ހިމެނޭގޮތަށް، މާލީގޮތުން ދޭންޖެހޭ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. މިއީ މާލީ ދަތިކަމާ ހުރެ ކިޔެވަން ނުފެށިފައިވާ ކުދިންނަށް ހާއްސަކޮށްފައިވާ ސްކޮލާޝިޕެކެވެ. މި ސްކޮލަޝިޕްގެ ސަބަބުން ތައުލީ،ީ ގޮތުން މޮޅު އަދި ފަންނީ ގާބިލުކަން ހުރި ޒުވާނުންތަކެއް އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް ވިލާ ކޮލެޖާއި އެޓްމޮސްފިއާ ފައުންޑޭޝަނުން ފާހަގަކުރެ އެވެ.
މި ސްކޮލާޝިޕްގެ ފުރުސަތު ލިބޭ މި ދަރިވަރުން ހޮވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވިލާ ކޮލެޖާއި އެޓްމޮސްފިއާ ފައުންޑޭޝަން ގުޅިގެން ކަނޑައަޅާ އުސޫލުތަކެއްގެ ތެރެއިންނެވެ. މި ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް ކިޔެވުމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ މެންޓާޝިޕާއި ކެރިއާ ޕްލޭނިން އަދި އިންޑަސްޓްރީ އެކްސްޕޯޝާ ފަދަ ފުރުސަތުތައް އެޓްމޮސްފިއާ ފައުންޑޭޝަނުން ފަހިކޮށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ ދަރިވަރުން ކިޔަވައި ނިމިގެން ނުކުންނައިރު މަސައްކަތުގެ މާހައުލަށް އަހުލުވެރިވެފައިވާ، އަދި ގައުމީ ތަރައްގީގައި ހިއްސާވެވޭނެ ފަދަ ގާބިލު އިންޖިނިއަރުންތަކެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވިލާ ކޮލެޖުން ސިފަކުރެ އެވެ.
ވިލާ ކޮލެޖުން ބުނީ އެ ކޮލެޖުގެ އަމާޒަކީ ދަރިވަރުންނަށް އަބަދުވެސް ފެންވަރު ރަނގަޅު މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުން ކަމަށެވެ. ވިލާ ކޮލެޖާއި އެޓްމޮސްފިއާ ފައުންޑޭޝަން ގުޅިގެން ދޭ ސްކޮލާޝިޕް ޕްރޮގްރާމް ހިންގައި ބެލެހެއްޓުމާއި، ދަރިވަރުންނާއި ގުޅުންހުރި ކަންތައްތަކުގެ އިދާރީ ޒިންމާ އަދާ ކުރާނީ ވިލާ ކޮލެޖުންނެވެ.
މިސްކޮލާޝިޕުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގަ އެވެ.