27 ޑިސެމްބަރ 2025 - 15:18

މާލޭގައި ބަނގުރާ ކައްކައި ބޭނުންކޮށް، އޭގެ ވިޔަފާރިކުރަމުންދިޔަ ތަނެއް ބަލައިފާސްކޮށް ދެ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އާ އަހަރާ ދިމާކޮށް އެ އިދާރާ އިން ކުރިއަށް ގެންދާ "ރިވެލި" އޮޕަރޭޝަނުގެ ދަށުން ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގު އެންފޯސްމަންްޓުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކައްކާ ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާ ދެ މީހުން ކަމަށްވާ 22 އަހަރުގެ މޮހަންދާސް ރަޖެންދިރަން އާއި 41 އަހަރުގެ ބަލަސުބްރަމަނިޔަން ސެލަމް އެވެ.
އެ ދެ މީހުން ވެސް ހައްޔަރުކުރީ މާލޭގެ ގެއެއް ބަލައިފާސްކުރުމުގެ ތެރެއިން ކަމަށާއި އެގޭގެ ތިން ވަނަ ފަންގިފިލާގައި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ގެއަކީ އެ މީހުން ކުއްޔަށް ނަގައިގެން އުޅޭ ތަނެއް ކަމަށެވެ.
އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި އެކަމަކު އެ ދެ މީހުން ވެސް ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެެވެ.