27 ޑިސެމްބަރ 2025 - 13:23

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ކޯޓަށް ހާޒިރުކުރުމަށް ނުވަ ފަހަރެއްގެ މަތިން އިއުލާނުކޮށްގެން ވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ހޯދަމުން ދަނީ ގދ. ވާދޫއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ އިޒާމް ޒާހިރު އެވެ.
ފުލުހުންގެ ވެބްސައިޓުގައިވާ ގޮތުން ޖޫން، 11، 2024 ގައި އޭނާ ހޯދުމަށް އޭނާގެ ފޮޓޯއާ އެކު އިއުލާނުކޮށްފައިވެ އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން އޭނާ ހޯދަން އިއުލާނުކޮށްފައި ވަނީ ކޯޓުގެ އަޑުއެހުމަށް ހާޒިރުވަމުން ނުދާތީ އެވެ.
ފުލުހުން ބުނީ އިޒާމު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެކި ފަހަރު މަތިން ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ މީހާ ކޯޓަށް ހާޒިރުކުރުމަށް ނުވަ ފަހަރެއްގެ މަތިން ފުލުހުން އިއުލާނުކޮށްފައިވާ ކަމަށާއި އެކަމަކު މިހާތަނަށް ކުރެވުނު މަސައްކަތުން ވެސް އޭނާ ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެެ.
ފުލުހުންގެ އިއުލާނުގައި ވެސް އޭނާއާ ގުޅޭ މައްސަލައިގެ ތަފްސީލެއް ނެތެވެ. އެކަަމަކު އެނގިފައިވާ ގޮތުގައި އޭނާ ހޯދަމުން ދަނީ ރޭޕްގެ މައްސަލައަކާ ގުޅިގެންނެވެ.