03 އެޕްރީލް 2017 - 12:39

އިންޑިއާގެ ބެންގަލޫރު އެފްސީ އަކީ ވަރުގަދަ ޓީމެއްކަން އެނގޭ ކަމަށާއި އެހެން ނަމަވެސް އޭއެފްސީ ކަޕުގައި މާދަމާ އެ ޓީމާ ދެކޮޅަށް މާޒިޔާ ނުކުންނާނީ ޓީމެއްގެ ގޮތުގައި ކުޅެގެން ނަތީޖާ ނެރެން ކަމަށް އެ ޓީމުގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.
އޭއެފްސީ ކަޕްގައި ކުޅުނު ފުރަތަމަ މެޗުން މާޒިޔާ އާއި ބެންގަލޫރު ވެސް ވަނީ މޮޅުވެފަ އެވެ. މާޒިޔާ ރަށުން ބޭރުގައި ޑާކާ އަބަހާނީ އަތުން މޮޅުވީ 2-0 އިންނެވެ. ބެންގަލޫރު ވަނީ 2-1 އިން މޯހަން ބަގާން ބަލިކޮށްފަ އެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެކުލޮސްކީ ބުނީ ބެންގަލޫރާ ދެކޮޅަށް ނުކުންނަން ޖެހޭނީ ހުރިހާ ގޮތަކުން ސަމާލުވެގެން ކަމަށެވެ.
"އަހަރެމެން އެންމެނަށް އެނގޭ ބެންގަލޫރު އަކީ ކިހާ ވަރުގަދަ ޓީމެއްކަން. އެއީ މިދިޔަ އަހަރުގެ ރަނަރަޕް. ގައުމީ ޓީމުގެ ކުޅުންތެރިންގެ އިތުރުން ރަނގަޅު ކޯޗެއް އެބަހުރި. އެއީ ޕްރޮފެޝަނަލް ކްލަބެއް. އަހަރެމެން ޓީމެއްގެ ގޮތުގައި އެޓޭކާއި ޑިފެންސްގައި ޑިސިޕްލިން ހިފަހައްޓައިގެން ކުޅެފިނަމަ މިއީ ނަތީޖާ ނެރެވޭނެ މެޗެއް. މުހިއްމީ ހުރިހާ ކަމަކަށް ސަމާލުވެގެން މެޗަށް ނުކުތުން،" ސެކުލޮސްކީ ބުންޏެވެ.
މާޒިޔާގައި ގައުމީ ޓީމުގެ އަށް ކުޅުންތެރިން ހިމެނެ އެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ފަަލަސްތީނާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މާޒިޔާ ކުޅުންތެރިން ޓީމާ ގުޅުނުއިރު ހުރިހާ ކަމެއް ވެސް ރަނގަޅުކަމަށާއި މިދިޔަ ދުވަސްތަކުގައި ބޮޑަށް މަސައްކަތްކުރީ ޓެކްޓިކަލީ ކުޅުންތެރިން ތައްޔާރުކުރުން ކަމަށް ސެކުލޮސްކީ ވަނީ ބުނެފަ އެވެ.
ބެންގަލޫރު އަކީ މި ވަގުތަށް ބަލާއިރު މި ގްރޫޕްގެ އެންމެ ވަރުގަދަ ޓީމު ކަމުގައި ވިޔަސް އެ ޓީމުގެ ވެސް ބަލިފައިތަކެއް ހުންނާނެ ކަމަށް ސެކުލޮސްކީ ވަނީ ބުނެފަ އެވެ.
"ބެންގަލޫރަކީ މި ގްރޫޕަށް ބަލާއިރު އެންމެ ވަރުގަދަ ޓީމު. އެކަމަކު އަހަރެމެން ޖެހިލުމެއް ނުވޭ. ކޮންމެ ޓީމެއްގެ ވެސް ހުންނާނެ ބަލިފައިތަކެއް. އަހަރެމެން މަސައްކަތް ކުރާނީ ބެންގަލޫރުގެ ބަލިފައިތައް އެނގިގެން މެޗުން ނަތީޖާ ނެރެން. އަހަރެމެން މާދަމާގެ މެޗުގެ 90 މިނިޓަށް ނުކުންނާނީ ހިތްވަރުކޮށްގެން ޓާގެޓަށް ވާސިލްވާން،" ކުރިން މިޔަންމާގެ ޔަންގޮން ޔުނައިޓެޑާއި އަޔެޔަވާދީ ޔުނައިޓެޑަށް އޭއެފްސީ ކަޕްގައި ކޯޗުކޮށްދިން ސެކުލޮސްކީ ބުންޏެވެ.
މާޒިޔާ ކޯޗުކަމާ ހަވާލުވީ މި ޓީމާ އެކު ކާމިޔާބީ ހޯދޭނެ ކަމުގެ ފުރިހަމަ އިތުބާރު އޮތުމުން ކަމަށް ސެކުލޮސްކީ ވަނީ ބުނެފަ އެވެ.
"ކާމިޔާބު ހޯދޭނެ ކަމުގެ ޔަގީންކަމެއް ނެތްނަމަ އަހަރެން މި މަގާމާ ހަވާލެއް ނުވާނެ. އަހަރެންނަކީ ޕްރެސް ކޮންފަރެންސްތަކުގައި އަހަރެންގެ ފެންވަރު ސާބިތުކޮށްދޭ މީހެއް ނޫން. ބެންގަލޫރާ ދެކޮޅަށް ކުޅޭއިރު އަހަރެމެން ފަހަތަކަށް ނުޖެހޭނަން. ކުޅުންތެރިންނަށް އަހަރެންގެ އިތުބާރު އެބައޮތް. އެ ކުޅުންތެރިން ހިތްވަރާ އެކު ކުޅެފިނަމަ މިއީ އަހަރެމެންނަށް ރަނގަޅު މެޗަކަށް ވާނެ،" ސެކުލޮސްކީ ބުންޏެވެ.
ބާސެލޯނާގެ ކުރީގެ އެސިސްޓަންޓް ކޯޗު އަލްބާޓް ރޮކާގެ ކޯޗުކަމުގައި ކުޅޭ ބެންގަލޫރު އެންމެ ފަހުން އިންޑިއާ އައި ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ވަނީ މޯހަން ބަގާން އަތުން 3-0 އިން ބަލިވެފަ އެވެ. ސެކުލޮސްކީ ބުނީ މާދަމާގެ މެޗުން ފެންނާނީ މުޅިން ތަފާތު ބެންގަލޫރެއް ކަމަށެވެ.
"އެންމެ ފަހުން ކުޅުނު މެޗުގައި ބެންގަލޫރުން ކުޅުނީ އެ ޓީމުގެ ފުރަތަމަ އެގާރައިގެ ފަސް ކުޅުންތެރިއަކަށް އަރާމްކުރަން ފުރުސަތު ދީގެން. އަހަރެން ގަބޫލުކުރަނީ މާދަމާ ފެންނާނީ ތަފާތު ބެންގަލޫރެއް. އެ ޓީމުން ލީގަށް ވުރެން ބޮޑަށް ސަމާލުކަންދެނީ އޭއެފްސީ ކަޕަށް،" ސެކުލޮސްކީ ބުންޏެވެ.
ބެންގަލޫރު ވަނީ 2015 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި މާޒިޔާއާ ވާދަކޮށްފަ އެވެ. އެގޮތުން މާލޭގައި ކުޅުނު މެޗާއި ބެންގަލޫރުގައި ކުޅުނު މެޗުން ވެސް ބެންގަލޫރު މޮޅުވީ 2-1 އިންނެވެ.
ގައުމީ ފުޓްބޯޅަ ސްޓޭޑިއަމުގައި މާދަމާ ހަވީރު ކުޅޭ މެޗު ފަށާނީ ހަވީރު 4 ޖަހާއިރު އެވެ.