25 ޑިސެމްބަރ 2025 - 23:58

ޗޮކްލެޓް ސިރަޕްފުޅިތަކެއްގައި ބަންދުކޮށްގެން ރާއްޖެ އަށް ކަނޑުމަގުން އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން މިރޭ އަތުލައިގެންފި އެވެ.
އެ އިދާރާ އިން ބުނީ، ޝައްކު ކުރެވިގެން އެ ފުޅިތައް ސްކޭންކޮށް، ފުރަތަމަ މަރުހަލާގައި ޓެސްޓުކުރިއިރު ހަޝިޝް އޮއިލް އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެ ތަކެތީގެ ބަރުދަން 40 ކިލޯ އަށް ވުރެ މަތިވާނެ ކަމަށާއި މަގުމަތީގެ އަގު ވެސް 30 މިލިއަނަށް ވުރެ އިތުރު ކަމަށް ކަސްޓަމްސް އިން ޕީއެސްއެމާ ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.
އެ ތަކެތި ކަސްޓަމްސް އިން ޓެސްޓު ކުރަމުންދާ މަންޒަރު ވެސް ޕީއެސްއެމުން މީގެ އިރުކޮޅެއް ކުރިން ލައިވްކުރި އެވެ.
ނަމަވެސް މި މައްސަލާގައި އަދި ބަޔަކު ހައްޔަރުކުރި ކަމެއް ނުވަތަ އެތެރެކުރުމުގައި ބައިވެރިވި މީހުންގެ އެއްވެސް މައުލޫމާތެއް ފުލުހުން އަދި މީޑިއާ އަށް ނުދެ އެވެ.
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުން އަތުލައިގަންނަން ފުލުހުން މިހާރު ހާއްސަ އިސްކަމެއް ވަނީ ދޭން ފަށައިފަ އެވެ.
ފުލުހުން އިއްޔެ ބޭއްވި މީޑިއާ ބްރީފިންގައި ބުނީ، ޑްރަގް ވިޔަފާރިއާ ދެކޮޅަށް ފަށާފައިވާ "އޮޕަރޭޝަން އަލިމަގު" ގެ ތެރެއިން މިހާތަނަށް 190 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 34 މީހެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދި ފޮނުވާފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ އެ އޮޕަރޭޝަނުން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް 193 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 71 މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށާއި އަދި 34 މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ބުންޏެވެ.
ފުލުހުންގެ މީޑިއާ ބްރީފިންގައި އިއްޔެ ބުނެފައިވާ ގޮތުގައި ރާއްޖެ އަށް މަސްތުވާތަކެތި ފޮނުވަން މި ސަރަހައްދުގެ ބައެއް ގައުމުތަކުގައި ދިވެހިން ގާއިމްވެ ތިބެ އެވެ. އޭގެ ތެރޭގައި މެލޭޝިއާ އާއި ތައިލެންޑް ހިމެނޭއިރު އިންޓަޕޯލް މެދުވެރިކޮށް އެ މީހުން ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ބޭއްވި ނިއުސް ކޮންފަރެންސްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ނާއިފް ވިދާޅުވީ މެލޭޝިއާގައި ތިބެގެން އެއާ ކާގޯ އަދި ސީ ކާގޯ މެދުވެރިކޮށް، އިލެކްޓްރޯނިކް އަދި ބަދިގެ ސާމާނުތަކުގައި ހިމެނޭ އަވަނާއި ތެލި ފަދަ ތަކެތީގައި މަސްތުވާތަކެތި ކޮންސީލް ކޮށްގެން އެތެރެކުރާ ތިން ދިވެއްސަކު ފާހަގަކުރެވިފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ބޮޑެތި ކުށުގެ ރިކޯޑު އޮތް މީހުން ވެސް އެބަތިބި ކަމަށް ނާއިފް ވިދާޅުވި އެވެ.