25 ޑިސެމްބަރ 2025 - 22:23

ބަލާ ބެލުމަށް އެއީ ހަމަ އުދުއްސާލަން ތައްޔާރުވެފައިވާ ސީޕްލޭނެކެވެ. ފެންމަތީގައި އޮތުމުގައި ވެސް ހަމަ އެއްވެސް ތަފާތެއް ނެތެވެ. އޭގައި އިންޖީނެއް ނެތްކަން ވެސް އެނގެނީ ވަރަށް ބޮޑަށް ބަލައި ދިރާސާ ކުރުމުންނެވެ.
ނ. އަތޮޅުގައި އޮންނަ ހައި-އެންޑް ރިސޯޓެއް ކަމަށްވާ ޝެވަލް ބްލޯންކް ރަންދެލީގައި މަސައްކަތްކުރާ އުމުރުން 43 އަހަރުގެ މުހައްމަދު މާޖިދު އުފެއްދި މި ރެޕްލިކާ [އަސްލާ އެއްގޮތް މޮޑެލް] އަކީ ހަމައެކަނި ދައްކާލަން ބާއްވާ ގޮތަށް ހަދާފައިވާ އެއްޗެއް ނޫނެވެ.
އޭނާ ބުނި ގޮތުގައި މިއީ އެ ރިސޯޓުގައި ޓޫރިސްޓުންނަށް ހިންގާ ހަރަކާތެއްގައި ދުއްވަން ތައްޔާރު ކޮށްފައިވާ އެއްޗެކެވެ. ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ތަރުހީބު އޮހެމުންދާ މި ސީޕްލޭން ދުއްވާނީ ފީނަން ބޭނުންކުރާ ބެޓެރީ އުޅަނދެއް ކަމަށްވާ "ސީބޮބް" ބޭނުންކޮށްގެންނެވެ.
ރަންދެލީގައި ވަޑިއެއްގެ ވަޒީފާ އަދާކުރާ މާޖިދު "މިހާރު" އަށް މިރޭ ކިޔައިދިން ގޮތުގައި ސީޕްލޭންގެ މޮޑެލް ހަދަން މި ފަހަރު ހޭދަކުރީ ގާތްގަނޑަކަށް ދޮޅުމަސް ދުވަހެވެ.
"މި ރިސޯޓަށް އަންނަ ފްލައިޓުގައި ހުންނާނީ މި ތަނުގެ ކުލަތައް ޖަހާފައި. ދެން އެންމެން ވެސް ވަރަށް ލޯބިވާ އެއްޗެއްގެ ގޮތުގައި ފްލައިޓް އޮންނަނީ ފާހަގަވެފައި މުޅި ރަށުގައި،" ސީޕްލޭން މޮޑެލް ތައްޔާރުކުރަން މެނޭޖްމަންޓަށް ހުށަހެޅި ސަބަބު ކިޔައިދެމުން މާޖިދު ބުންޏެވެ.
އޭނާ ބުނީ، ސީޕްލޭން މޮޑެލް ފައިބަރުން ހަދަން ނިންމީ އެ އިން ކުރަން ޖެހޭ ބޭނުމަށް ވިސްނައިގެން ކަމަށެވެ. އެހެންވެ ކުރި ކަމަކީ ލަކުޑި އާއި ފްލައިވުޑް ފިލާ ބޭނުންކޮށްގެން، މިން ހަމަ ފްރޭމެއް [މޯލްޑެއް] ހަދައި އޭގައި ފައިބަރު ޖަހައިގެން ސީޕްލޭންގެ މައިގަނޑު އުފައްދައި، މެދުން ކީހާލައިގެން ފްރޭމްގަނޑު ނެގީ އެވެ.
އެ އަށް ފަހު ފައިބަރު ބޭނުންކޮށްގެން އެ ދެބައި އަލުން ގުޅުވީ އެވެ.
"ފައިބަރުން ކަމަށް އަޅުގަނޑަށް ވިސްނުން އައީ މިކަން ކުރެވޭނީ. އެހެން އެއްޗަކުން ހަދަން ވެއްޖެއްޔާ ރާއްޖެއަކު ނުކުރެވޭނެ. މިތަނަކު ނުހުންނާނެ އެ ވަސީލަތްތަކެއް، އެލުމެނިއަމްގައި މެޓަލްގައި ހަދާކަށް،" މާޖިދު ބުންޏެވެ.
މާޖިދަކީ ފައިބަރުން ބަންނަ ލޯންޗުތައް ފަރުމާކުރުމުގެ މަސައްކަތް ކުރިއްސުރެ ވެސް ކުރާ މީހެކެވެ. އެ ދާއިރާގައި އޭނާ މަސައްކަތްތައް ކުރާތާ މިހާރު 25 އަހަރު ވެއްޖެ އެވެ.
"ފަންސަވީސް އަހަރުވީ މި ފީލްޑްގައި އުޅޭތާ، ބޯޓުބިލްޑިން އާއި މި ކްރިއޭޓިވް މަސައްކަތާއި ރިސޯޓް ފަރުނީޗަރު މަސައްކަތް ކުރާތާ،" އޭނާ ބުންޏެވެ.
ބޭނުންކުރާ ބޮޑެތި އުޅަނދުތަކާއި ފަރުނީޗަރު ފަރުމާ ކުރުމުން ފެށިގެން އެ ބާވަތްތަކުގެ ކުދި މޮޑެލްތައް ހެދުމުގައި ވެސް މާޖިދަކީ ވަރަށް ހުނަރުވެރި މީހެކެވެ.
ރަންދެލީގެ ކުލަތައް ލާފައިވާ، އެ ރިސޯޓްގައި މަގުބޫލް ސީޕްލޭންގެ ވަރަށް ކުޑަ މޮޑެލްއެއް އޭނާ 2022 ވަނަ އަހަރު ވެސް ހެދި އެވެ. ފޮޓޯ ނެގީމާ އެ މޮޑެލް ވެސް އަސްލާ ހަމަ އެއްވެސް ތަފާތެއް ފެންނާކަށް ނެތެވެ. ތަފްސީލުތައް އެހާ ވެސް ފުރިހަމައަށް ހިމަނާފައި ވެ އެވެ.
މި ފަހަރުގެ މޮޑެލަށް ސޯޝަލް މީޑިއާގައި ބޮޑު ތަރުހީބެއް ލިބުނީ ވެސް އެހެންވެ އެވެ. ފޭސްބުކަށް މާޖިދު ދޫކޮށްލި ފޮޓޯތައް ވަނީ ވަރަށް ބޮޑަށް ވައިރަލްވެ، އެތައް ބަޔަކަށް ކަމުދާ މަސައްކަތަކަށް ވެފަ އެވެ.
މާޖިދު ބުނި ގޮތުގައި މީހުންގެ ތަރުހީބަކީ އޭނާއަށް ލިބޭ ބޮޑު ހިތްވަރެކެވެ.