25 ޑިސެމްބަރ 2025 - 15:20

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ދައުލަތުން އެދިގެން މިއަދު ބަންދުން ދޫކޮށްލައިފި އެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު އޭނާގެ އަތުން ފަސް ލައްކަ ރުފިޔާ އަތުލި ކަމަށް ތުހުމަތުކޮށް، އޭނާ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރީ މިދިޔަ މާޗް މަހު އެވެ. އޭގެފަހުން އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
އޭގެ ނުވަ މަސް ފަހުން ކްރިމިނަލް ކޯޓުން މިއަދު ޝަމްއާން ބަންދުން ދޫކޮށްލަން އަމުރުކުރީ ދައުލަތުން އެގޮތަށް އެދުމުންނެވެ. އެހެންވެ، އޭނާ ބަންދުން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހު އަދި ފުރުން މަނާ ކުރުމެއްގެ އަމުރެއް ވެސް ނެރުމަށްފަހު އެވެ.
ކުރި ޝަރުތުތަކުގެ ތެރޭގައި ކޯޓަށް ހާޒިރުވުމާއި ހެއްކަށް ނުފޫޒު ފޯރުވޭ ފަދަ ކަމެއް ނުކުރުން ހިމެނެ އެވެ.
އިތުރު ކުށެއް ނުކުރުމަށް ޝަރުތުކުރަން ދައުލަތުން އެދުނު ނަމަވެސް، އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހްސާން ވިދާޅުވީ އިތުރު ކުށެއް ނުކުރުމަކީ އަބަދުވެސް ކޮންމެ މީހެއްގެ މައްޗަށް ވެސް އޮންނަ ގާނޫނީ ޒިންމާއެއް ކަމަށެވެ.
އިތުރު ކުށެއްކޮށްފިނަމަ އެކަމަށް ވަކިން ފިޔަވަޅު ވަކިން އެޅުމުގެ ބާރު އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ މައްސަލާގައި ޝަމްއާންގެ އިތުރުން އިތުރު ބަޔަކަށް ވެސް ދައުވާ ކުރި އެވެ. އޭގެ ތެރެއިން ގިނަ މީހުން މިހާރު ތިބީ ބަންދުން މިނިވަންވެފަ އެވެ.