އާއްމު ބައްދަލުވުމެއްގައި ޝުޖޫނަށް ކުރި ފުރައްސާރަ އެޗްއާރުސީއެމުން ކުށްވެރިކޮށްފި
އާއްމު ބައްދަލުވުމެއްގައި ޝުޖޫނަށް ކުރި ފުރައްސާރަ އެޗްއާރުސީއެމުން ކުށްވެރިކޮށްފި

މާލޭގައި ބޭއްވި އާއްމު ބައްދަލުވުމެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫނަށް ފުރައްސާރަކޮށް ދެއްކި ވާހަކަތައް، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ކުށްވެރިކޮށްފި އެވެ.

ހެންވޭރުގެ ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހިއްސާކުރުމަށް ކަލާފާނު ސްކޫލުގައި މި މަހުގެ 7 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގެ ތެރެއިން އާއްމުންނަށް ހުޅުވާލި ފުރުސަތުގައި، ޝުޖޫން ބުރުގާ ނާޅުއްވައި ސުޕްރީމް ކޯޓުގެ ބެންޗުގައި އިންނަވާ ކަމަށް ފާޑުވިދާޅުވީ ޝެއިހް އިޔާޒް އަބްދުއްލަތީފްގެ ބައްޕާފުޅު އަބްދުއްލަތީފް އުމަރެވެ.

އޭނާ ބުނީ އައުރަ ނިވާ ނުކޮށް ހުރި މީހަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި އިނދެގެން ވާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަދި އެ މަގާމުގައި ހުންނަން ބޭނުންވާ ނަމަ އައުރަ ނިވާ ކުރަންޖެހޭ ކަމަށާއި އެހެން ނޫން ނަމަ ދާން ޖެހޭނީ މަސާޖު ޕާލާ ކަހަލަ ތަންތަނަށް ކަމަށް އޭނާ ބުންޏެވެ.

"..އެ ތަންތަނުން ވަޒީފާ ލިބޭނެ އެ ބޭފުޅުންނަށް. ގިނަ ލާރި ހޯދަން ނޫންތޯ އެ ވަޑައިގަންނަވަނީ އެ ތަންތަނަށް. އެހެންވީމަ އަޅުގަނޑުމެންނަށް، ރައްޔިތުންނާ ގުޅޭ ކަންތައްތަކުގައި ކޮންމެހެން ގިނަ ލާރި ހޯދާކަށް އެ ބޭފުޅުން ވަޑައިގަންނަވާނެ ކަމެއް ނެތް. އެ ބޭފުޅުންނަށް މާ ގިނަ ލާރި ލިބޭނެ ގޮތްތައް އެބަހުރި ރާއްޖޭގައި. މި ތަނަށް ވަޑައިގަންނަވަންޏާ އިސްލާމީ އުސޫލަށް ފެއްތިގެން ވަޑައިގަންނަވަން ވާނީ،" އޭނާ ބުންޏެވެ.

ޝުޖޫނަށް ނިސްބަތްކޮށް އެ ވާހަކަ ދެއްކިތާ ދެ ހަފުތާ ފަހުން، އެ މައްސަލާގައި ކަންބޮޑުވުންފާޅުކޮށް އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނީ ކޮންމެ މީހެއްގެ ވެސް ނަމާއި އަބުރު ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީއަތުން ކަށަވަރުކޮށްދޭ ހައްގެއް ކަމަށެވެ. އަދި ގާނޫނުއަސާސީގައި އިންސާނީ ހައްގުތަކުގެ ބައިނަލްއަގުވާމީ މުއާހަދާތަކުން ވެސް ކަށަވަރުކޮށްދޭ ހައްގެއް ކަމަށް ބުންޏެވެ.

އެކަމަކު، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އަނެކާގެ އަބުރަށް އަރައިގަތުމަށް އޮތް ހުއްދައެއް ނޫން ކަމަށް ބުނެ، އެ ކޮމިޝަނުން ވަނީ އިހުތިރާމާއެކު ހިޔާލު ފާޅުކުރުމަށާއި އަނެކާގެ އަބުރު ރައްކާތެރިވާނެ ގޮތަށް ވާހަކަ ދެއްކުމަށް ގޮވާލައިފަ އެވެ.

"ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގެ ބޭފުޅަކަށް ފުރައްސާރަކުރުމަކީ މުޅި ނިޒާމުގެ ހައިބަތާއި ކަރާމާތަށް އުނިކަން އަންނާނެ ކަމެކެވެ،" ބަޔާނުގައި ބުންޏެވެ.

ވަކި ޖިންސަކަށް ވީތީ ނުވަތަ އަންހެނަކަށް ވީތީ ކުރާ ފުރައްސާރަ އާއި ތަފާތުކުރުންތަކުން އެއްކިބާވެ ތިބެ، ބިނާކުރަނިވި ގޮތެއްގައި ހިޔާލުފާޅުކުރަން ވެސް އެ ކޮމިޝަނުން ގޮވާލާފައިވެ އެވެ.

ބަޔާނުގައި ބުނީ ރާއްޖެއަކީ އަންހެނުންނާ މެދު ކުރާ ނޭދެވޭ ތަފާތުކުރުންތައް ނައްތާލަން ބައިނަލްއަގުވާމީ މުއާހަދާގައި ބައިވެރިވެފައިވާ ގައުމެއް ކަމަށާއި އަދި އެ ފަދަ އަމަލުތަކަކީ ވެސް ސީޑޯގެ އެ މުއާހަދާއާ ހިލާފު ކަމެއް ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ފަދަ އިލްމީ، ގާބިލް އަންހެން ބޭފުޅުންނަށް އަމާޒުކޮށް ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވޭ ބަސްމަގު ބޭނުންކުރުމަކީ އަންހެނުންގެ ކުރިއެރުމަށާއި ހައްގުތައް ކަށަވަރުކޮށް ދެމެހެއްޓުމަށް އޮތް ހުރަހެކެވެ. މިފަދަ ފުރައްސާރައިގެ ސަބަބުން ގައުމީ ހިދުމަތަށް ނުކުންނަން ބޭނުންވާ އެހެން އަންހެނުން ފަސްޖެހި އެ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭނެ އެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.

"މިފަދަ އަދި މި ނޫން ވެސް އާއްމު މަންސަތަކުގައި އިންސާނީ ކަރާމާތާއި އަނެކުންގެ ގަދަރާއި ޝަރަފަށް އުނިކަން އަންނަ މި ބާވަތުގެ ވާހަކަތައް ނުދެއްކުމަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ."