25 ޑިސެމްބަރ 2025 - 12:37

ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ކޯޓަށް ހާޒިރުނުވުމުން އެ މައްސަލާގެ ހުކުމް އިއްވުން އަންނަ ހޮނިހިރު ދުވަހަށް ފަސްކޮށްފި އެވެ.
ކޭ ޕާކް ހަދަން ހަވާލުވި ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެ އެވެ. އަދި ރ. އަލިފުށީ ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް 95 ދައުވާއެއް ދައުލަތުން ކުރެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އެ މައްސަލާގެ މިއަދުގެ އަޑުއެހުން ކެންސަލްކުރަން މަންޑޭގެ ފަރާތުން ކޯޓުގައި އެދުނު ކަމަށެވެ. އަދި "މާތްﷲއަށްޓަކައި ވެސް ޝަރީއަތް ފަސްކުރަން" މަންޑޭގެ ފަރާތުން އެދުނު ކަމަށާއި އެކަމަކު ޝަރީއަތް އޮންނާނެކަން އޭނާއަށް ކޯޓުން އަންގާފައިވާނެ ކަމަށް ގާޒީ ނަދީމް ވިދާޅުވި އެވެ.
އެހެންވެ، ކޯޓަށް ހާޒިރުނުވާ މީހުންނާ މެދު އަމަލުކުރަން ޖެހޭ އުސޫލުން މަންޑޭއާ މެދު އަމަލުކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ކޭ ޕާކް މައްސަލާގައި ޖައިޝާންގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން އޮޅުވާލުމުގެ އެއް ދައުވާ ސާބިތުވާ ކަމަށް ގާޒީ މިއަދު ނިންމެވި އެވެ. އަދި އެ ދައުވާގައި ޖަލު އަދަބެއް އަންނާނެ ކަމަށް ބެލެވޭތީ، އެ މައްސަލަ ނިމެންދެން އޭނާ ބަންދުކުރަން ގާޒީ އަމުރުކުރެއްވި އެވެ.
މަންޑޭ މިއަދު ކޯޓަށް ހާޒިރު ނުވެގެން ހުކުމް ފަސްކުރަން ޖެހުނު އިރު، މިދިޔަ ޖޫން މަހު ވެސް މަންޑޭ ކޯޓަށް ހާޒިރު ނުވާތީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރި އެވެ. ނަމަވެސް ފަހުން ކޯޓުން އޭނާ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.
އެ ދައުވާތައް ސާބިތުވެއްޖެ ނަމަ ދިގު މުއްދަތެއް ޖަލު ހުކުމެއް އަންނާނެ އެވެ.
އެ މައްސަލާގައި މަންޑޭގެ އެޕާޓްމެންޓާއި އޭނާގެ ގޭގައި ހުރި އަގު ބޮޑެތި ސާމާނުތަކެއް ވެސް ފުލުހުން ހިފެހެއްޓި އެވެ.