އިންނަން ވައުދުވުމުން ދިން އައިފޯނު ހޯދަން ކޯޓަށް
އިންނަން ވައުދުވުމުން ދިން އައިފޯނު ހޯދަން ކޯޓަށް

ކައިވެނިކުރާނެކަމަށް ބުނެ އެކުގައި އުޅުނު އިރު ދިން އައިފޯނެއް އަނބުރާ ނުދީގެން އެ ފޯނު ހޯދަން ފިރިހެނަކު ކޯޓަށް ހިނގައްޖެ އެވެ.

އުތުރު ރަށެއްގެ ކޯޓަކަށް ފިރިހެން މީހާ ހުށަހެޅި މަދަނީ ދައުވާގައި އެދިފައި އޮތީ ކައިވެނިކުރާނެ ކަމަށް ބުނެ އެކުގައި އުޅުނު އިރު "މަކަރާއި ހީލަތުން އަތުލައިގެން ނުދީ ގެންގުޅެމުން އަންނަ" އައިފޯން 16 ޕްރޯ މެކްސް 256 ޖީބީ ފޯނު ހޯދައިދިނުމަށެވެ. އެ މައްސަލައިގައި ގާނޫނީ ވަކީލެއްގެ ހިދުމަތް ހޯދަން ހަރަދުވާ ކަމަށް އޭނާ ބުނާ 10،000.ރ އަކީ ވެސް ދައުވާ ލިބޭ އަންހެން މީހާ ދައްކަން ޖެހޭ އެއްޗެއް ކަމަށް ކަނޑައަޅައިދޭން ވެސް އެ ދައުވާގައި އެދިފައި ވެ އެވެ.

އެ ދައުވާއަށް އިންކާރުކުރުމުގެ ބަދަލުގައި އަންހެންމީހާގެ ފަރާތުން ހުށަހެޅި އިއުތިރާޒްގައި ބުނީ ފިރިހެންމީހާ ކުރި ދައުވާގައި "މަކަރާއި ހީލަތުން ފޯނެއް ހޯދުމަށް ފަހު އެ ފޯނު އަނބުރާ ނުދީ ފިލައިގެން އުޅުމުގެ ތުހުމަތު" އޮތުމުން އެއީ ޖިނާއީ ތުހުމަތެއް ކަމަށެވެ. އެހެންވީމާ އެ މައްސަލަ ކޯޓަށް ހުށަހެޅޭނީ ތަހުގީގީ އިދާރާއަކުން ތަހުގީގުކުރުމަށް ފަހު ނުކުންނަ ނަތީޖާއަކަށް ބިނާކޮށް، ޕްރޮސެކިއުޓާ ޖެނެރަލަށް ކަމަށް އޭނާ ބުންޏެވެ.

އެެހެންވީމާ އެއީ މަދަނީ މައްސަލައެއްގެ ގޮތުގައި ފަރުދީ ގޮތުން މެޖިސްޓްރޭޓް ކޯޓަކަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ބުނެ ދައުވާ ބާތިލްކޮށްދޭން އޭނާ އެދުނެވެ.

އެ އިއުތިރާޒަށް ރައްދުދީ ފިރިހެންމީހާ ކޯޓުގައި ބުނީ އޭނާ ހުށަހަޅާފައި އޮތީ މުދާ ހޯދުމުގެ ދައުވާއެއް ކަމަށެވެ. އެ ވާހަކައަށް ބާރުދޭން ސިވިލް ކޯޓުގެ ގަޒިއްޔާއަކުން ގާއިމްކޮށްފައިވާ ޕްރެސީޑެންސަކަށް އޭނާ ހަވާލާދީފައި ވެ އެވެ. އަދި ބުނީ "މަކަރާއި ހީލަތް" މި ބަސްތައް ބޭނުންކުރުމުން ދައުވާއެއް ޖިނާއީ ނުވަތަ މަދަނީ ވާން ޖެހޭ ގާނޫނީ ސަަބަބެއް ނެތް ކަމަށެވެ.

ދައުވާކުރާ ފިރިހެންމީހާގެ އެ ރައްދަށް އަންހެންމީހާ އިތުރަށް ޖަވާބުދާރީ ވެފައި ނުވާކަން، އެ މައްސަލަ ކުރިއަށް ގެންދަން ނިންމި ނިންމުމުގައި ބުނެފައިވެ އެވެ.

ޝަރީއަތުގެ މަޖިލީހުގައި އަންހެންމީހާ ބުނެފައި ވަނީ ދައުވާކުރާ ފަރާތުން ރައްދުދީ ހުށަހެޅި ހުށަހެޅުމަށް "އިތުރަށް ބުނާނެ އެއްޗެއް ނެތް" ކަމަށެވެ.

އެހެންވެ ކޯޓުން ނިންމީ އެއީ އެ ކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށެވެ.