25 ޑިސެމްބަރ 2025 - 06:59

އީރާނުން ވަގަށް ތެޔޮ ބޭރުކުރަން އުޅުނު ޓޭންކަރެއް އެހެން ގައުމުތަކުގެ ގިނަ އަދަދެއްގެ ފަޅުވެރިންނާ އެކު އިއްޔެ އަނެއްކާވެސް އަތުލައިގެންފައިވާ ކަމަށް އީރާންގެ އަސްކަރިއްޔާއިން ބުނެފި އެވެ.
ކަނޑުގެ ސިފައިންގެ ކޮމާންޑަރު ޖެނެރަލް އައްބާސް ޣުލާމްޝާހީއާ ހަވާލާދީ ދައުލަތުގެ ޓީވީން ބުނީ އަތުލައިގަތް ޓޭންކަރުގައި އީރާނުން ވަގަށް ބޭރުކޮށްފައިވާ ހަތަރު މިލިއަން ލިޓަރު ތެޔޮ ހުރި ކަމަށެވެ. އަދި އެ އުޅަނދުގައި 16 ބިދޭސީއަކު ތިބި ކަމަށް ވެސް ބުންޏެވެ.
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ސިފައިން އެ އުޅަނދަށް އަރައި ހިފެހެއްޓީ އީރާނުގެ ކަނޑުގެ ސަރަހައްދުން ނުކުންނަނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއީ ކޮން ގައުމެއްގެ އުޅަނދެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
އީރާނުން ވަގަށް ތެޔޮ ބޭރުކުރާ އުޅަނދުތައް އެ ގައުމުން އާންމުކޮށް ހިފަހައްޓަ އެވެ.
ސިފައިންގެ އޮޕަރޭޝަންތައް މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ތެޔޮ އަދި ލިކުއިފައިޑް ނެޗުރަލް ގޭސް ޝިޕްމަންޓްތައް އުފުލަން ބޭނުންކުރާ ހޮރްމޫޒް ކަނޑުއޮޅިގައި ގާނޫނާ ހިލާފަށް ވިޔަފާރިކުރާ ކަމަށް އީރާނުން ތުހުމަތު ކުރާ ޓޭންކަރުތަކަށެވެ.
މި މަހުގެ ކުރީކޮޅު ގަލްފް އޮފް އޮމާނުން އިންޑިއާ، ސްރީ ލަންކާ އަދި ބަންގްލަދޭޝްގެ 18 ފަޅުވެރިންނާ އެކު ދަތުރުކުރި ޓޭންކަރެއް ވެސް އެތައް މިލިއަން ލިޓަރެއްގެ ތެލާ އެކު ވަނީ އަތުލައިގެންފަ އެވެ.
އީރާނުން ޓޭންކަރުތަކެއް ހިފަހައްޓާފައި ވާއިރު ވެނެޒުއޭލާގެ އައްސޭރިފަށުން އެމެރިކާ އިން ވެސް ވަނީ އަނެއްކާވެސް ތެޔޮ ޓޭންކަރެއް އަތުލައިގެންފަ އެވެ. އެ ބޯޓުގެ ކެޕްޓަނަކީ ވެނެޒުއޭލާ އާއި އީރާނުން ތެޔޮ އުފުލާ މީހެއް ކަމަށް އެމެރިކާ އިން ބުންޏެވެ.
ވެނެޒުއޭލާއާ ދެކޮޅަށް އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުން އޮންނަނީ އީރާންގެ އަސްކަރިއްޔާ އާއި ހިޒްބުﷲ އަށް އެހީވާ ކަމަށް ތުހުމަތުކޮށް 2022 ވަނަ އަހަރުން ފެށިގެން، ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.
އީރާނަކީ އާންމުންނަށް ރިޓެއިލްކޮށް އެންމެ އަގު ހެޔޮކޮށް ވިއްކާ އެއް ގައުމަށް ވާތީ އެ ތެޔޮ އީރާނުން ބޭރަށް ގެންގޮސް ބޮޑު އަގުގައި އެހެން ގައުމުތަކަށް ވިއްކުން ވެފައި އޮންނަނީ ފައިދާ ބޮޑު ވިޔަފާރިއަކަށެވެ.