އަމިއްލަ ހަތިޔާރު އިންޑަސްޓްރީއެއް އުފައްދަން އިޒްރޭލުން 110 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ
އަމިއްލަ ހަތިޔާރު އިންޑަސްޓްރީއެއް އުފައްދަން އިޒްރޭލުން 110 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ

އެހެން ބަޔަކަށް ބަރޯސާ ނުވެ ހަތިޔާރު ލިބޭނެ ގޮތް ހަދަން، ކުރިއަށް އޮތް 10 އަހަރު ތެރޭ 110 ބިިލިއަން ޑޮލަރު އިންވެސްޓުކޮށްގެން އަމިއްލަ ހަތިޔާރު އިންޑަސްޓްރީއެއް އުފައްދާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.

އިޒްރޭލުން މިހާރު ބޭނުންކުރާ ގިނަ ހަތިޔާރަކީ އެމެރިކާއާ އެކު އޮންނަ ހާއްސަ އެއްބަސްވުންތަކެއްގެ ދަށުން އެ ގައުމުން ފޯރުކޮށްދޭ ސާމާނެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެ އަހަރު ވަންދެން ދިން ހަމަލާތަކުގައި އެތައް ހާސް ބަޔަކު ޝަހީދުކޮށް ލާއިންސާނީ އަމަލުތައް ދުނިޔެއަށް ހާމަވަމުން ދިއުމާ އެކު، އިޒްރޭލަށް އަސްކަރީ ސާމާނު ސަޕްލައިކުރުން ވަރަށް ގިނަ ގައުމުތަކުން ތާށިކުރި އެވެ. އަދި މި ހަމަލާތަކާ އެކު އިޒްރޭލުގެ އަސްކަރީ އާލާތްތައް މަދު ވެސް ވި އެވެ.

"އިޒްރޭލުގެ އަމިއްލަ ހަތިޔާރުގެ ސިނާއަތެއް ބިނާކުރުމަށް، ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި 350 ބިލިއަން ޝެކެލް ހަރަދުކުރަން ހުއްދަ ދީފިން،" އަސްކަރިއްޔާގެ ބައްދަލުވުމެއްގައި ނަތަންޔާހޫ ބުންޏެވެ.

"އަހަރެމެން ބޭނުންވަނީ އެހެން މީހުންނަށް، އަދި އެކުވެރިންނަށް ވެސް ބަރޯސާވުން ކުޑަކުރަން ..."

އެމެރިކާގެ ކޮންގްރެސް އިން ބުނެފައިވާ ގޮތުގައި މި އަހަރު އެމެރިކާއިން ވަނީ އިޒްރޭލަށް އަސްކަރީ އެހީގެ ގޮތުގައި 3.3 ބިލިއަން ޑޮލަރާއި މިސައިލުން ދިފާއުވުމުގައި ގުޅިގެން މަސައްކަތްކުރުމުގެ ގޮތުން އެހީގެ ގޮތުގައި 500 މިލިއަން ޑޮލަރު ދީފަ އެވެ.

އިޒްރޭލުގެ އެކި ވެރިން މީގެ ކުރިން ވެސް ވަނީ އެހެން ގައުމުތަކުން ހަތިޔާރު ހޯދުމަށް ބަރޯސާވުން ކުޑަކުރާނެ ކަމަށް ބުނެފަ އެވެ.

އަންނަ އަހަރު އިޒްރޭލުގެ އާންމު ބަޖެޓްގެ 16 ޕަސެންޓް - 208 ބިލިއަން ޑޮލަރުގެ ބަޖެޓުން ގާތްގަނޑަކަށް 35 ބިލިއަން ޑޮލަރު ދިފާއީ ކަންކަމަށް ހޭދަކުރާނެ ކަމަށް ހިސާބުތަކުން ދައްކަ އެވެ.

އޮކްޓޫބަރު 7، 2023 ގައި ހަމާސް ޖަމާއަތުން އިޒްރޭލަށް ހަމަލާ ދިނުމުގެ ކުރިން އިޒްރޭލުގެ ދިފާއީ ބަޖެޓަކީ 20.4 ބިލިއަން ޑޮލަރެވެ. -- އޭއެފްޕީ