އިންޑިއާގެ އިލެކްޓްރޯނިކް ވޯޓިން މެޝިންތަކުގައި ވެސް މައްސަލަ
އިންޑިއާގެ އިލެކްޓްރޯނިކް ވޯޓިން މެޝިންތަކުގައި ވެސް މައްސަލަ

ނިއު ދިއްލީ (އެޕްރީލް 3) - އިންޑިއާގެ އިލެކްޓްރޯނިކް ވޯޓިން މެޝިންތަކުން ބޮޑެތި މައްސަލަތަކެއް ފާހަގަވުމާ ގުޅިގެން އިންތިޚާބާ ގުޅޭ ދެ އޮފިޝަލެއްގެ ވަޒީފާ ބަދަލުކޮށްފި އެވެ.

އިންޑިއާގެ މެދުތެރޭގެ މަދިޔަ ޕްރަދޭޝް ސްޓޭޓުގައި އަންނަ ހަފުތާގައި ބައި- އިލެކްޝަން ބާއްވަން ތައްޔާރުވަމުންދާ އިރު ވޯޓިން މެޝިންތަކުގައި މައްސަލަ ޖެހިފައިވާކަން އެނގުމަކީ ބައެއް ފަރާތްތަކުގެ ކަންބޮޑުވުމެކެވެ. ވޯޓިން މެޝިން ޓެސްޓް ކުރުމުން، ކޮންމެ ފިތަކަށް ފިތާލި ނަމަވެސް ޕްރިންޓްވެގެން ނުކުންނަނީ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ޕާޓީގެ ވޯޓު ކަރުދާހެވެ. މި ކަން ފަޅާއަރާފައި ވަނީ މިދިޔަ ހަފުތާގައި ޝޯޝަލް މީޑިއާގައި ދައުރުވާން ފެށި ވީޑިއޯއަކާ ގުޅިގެންނެވެ.

އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ މަދިޔަ ޕްރަދޭޝްގެ ވޯޓު މޮނިޓާ ކުރަން ވެރިރަށް ނިއު ދިއްލީން އިތުރު އޮފިޝަލުން ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. އަދި ވޯޓިން މެޝިންގައި ޖެހުނު މައްސަލައާ ގުޅޭ ތަފްސީލް ރިޕޯޓެއް ފޮނުވުމަށް އަންގާފައިވާ ކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އިންޑިއާގެ މީޑިއާތަކުން ބުނީ ވަޒީފާ ބަދަލުކޮށްފައި ވަނީ ވޯޓިން މެޝިނުގައި މައްސަލަ ޖެހިފައިވާ މަންޒަރުތައް ވީޑިއޯ ކުރި ދެ އޮފިޝަލުން ކަމަށެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުން އެކަން ޔަގީންކޮށްދީފައެއް ނުވެ އެވެ. ދެ މުވައްޒަފު ވަކި ކުރުމާ ގުޅިގެން ބައެއް މީހުން އިއްޔެ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އިންޑިއާގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ އާމް އާދުމީ ޕާޓީގެ ލީޑަރު އަދި ނިއު ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ވިދާޅުވީ އިލެކްޓްރޯނިކް ވޯޓިން އަކީ ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނާ އެއްގޮތަކަށް ވެސް އިތުބާރު ކުރާ އެއްޗެއް ނޫން ކަމަށެވެ.

"އިންތިޚާބުތަކުގައި މުޅި ދުނިޔޭގައި ވެސް ވޯޓު ކަރުދާސް ބޭނުންކޮށްގެން ވޯޓުލާ އިރު އިންޑިއާގައި އެގޮތަށް އެކަން ނުކުރެވެންވީ ކީއްވެ؟" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.