އެއްވެސް ދަރިވަރަކަށް ސްޓައިޕެންޑް ނުލިބިގެން ހުށަހަޅާފައެއް ނެތް: މިނިސްޓްރީ
އެއްވެސް ދަރިވަރަކަށް ސްޓައިޕެންޑް ނުލިބިގެން ހުށަހަޅާފައެއް ނެތް: މިނިސްޓްރީ

ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ކޮންމެ މަހަކު ސަރުކާރުން ދޭ ސްޓައިޕެންޑް ނުލިބިގެން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އަށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

އޮސްޓްރޭލިއާގައި ކިޔަވާ ބައެއް ދަރިވަރުންނަށް ފައިސާ ނުލިބޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ ވާހަކަ ދައްކަމުންނެވެ.

އެކަމާ ގުޅޭ ގޮތުން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި ސުވާލު ކުރުމުން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ސޯޝަލް މީޑިއާގައި އެ މައްސަލަ ފެންމަތިވުމުން މިނިސްޓްރީން އެކަން ވަރަށް ގާތުން ބެލި ކަމަށެވެ.

ނަމަވެސް އެ ގައުމުގައި އަދި އެ ނޫން ވެސް ގައުމެއްގައި ކިޔަވާ ދިވެހި ދަރިވަރަކަށް މިހާތަނަށް ލިބެން ޖެހޭ ފައިސާ ނުލިބިގެން މައްސަލަ ހުށަހަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސްޓައިޕެންޑް ނުލިބޭ އެއްވެސް ދަރިވަރަކު ހުރިތޯ މިނިސްޓްރީން އަދިވެސް ބަލާނެ އެވެ.

ސަރުކާރުގެ ސްކޮލާޝިޕާއި ސްޓޫޑެންޓް ލޯނުގައި ކިޔަވާ ދަރިވަރުންނަށް ކޮންމެ މަހަކު ފައިސާގެ ވަކި އަދަދެއް ހަމަޖައްސައިދެ އެވެ. އެއީ ދަރިވަރުންގެ ކެއުމާއި ޓިއުޝަން ފީ ފަދަ ކަންކަމަށެވެ.