03 އެޕްރީލް 2017 - 11:19

އައްޑޫގައި އަނެއްކާ ވެސް ޓްރެފިކް ފުލުހުންގެ ހިދުމަތް ފަށައި، ޓްރެފިކް އޮޕަރޭޝަންތައް ފުޅާކޮށް ކުރިއަށް ގެންދަން ނިންމައިފި އެވެ.
މި ހިދުމަތް އިއްޔެ ރަސްމީކޮށް ފައްޓަވައި ދެއްވީ ސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު އަލީ ޝަރީފެވެ. އިއްޔެ ހަވީރު ހިތަދޫ ޕޮލިސް ސްޓޭޝަން ކައިރީގައި ބޭއްވި ރަސްމިއްތާތުގައި ޝަރީފް ވަނީ ޓްރެފިކް ފުލުހުން ބޭނުން ކުރާ ބައެއް އާލާތްތައް ވެސް ހަވާލުކޮށްފަ އެވެ.
އޭނާ ވިދާޅުވީ އައްޑޫގައި އަލުން ޓްރެފިކް ފުލުހުންގެ ހިދުމަތް ފެށުމުން އެކްސިޑެންޓްތައް މަދުވެ، ގާނޫނާއި ގަވައިދުތަކާ ހިލާފުވާ މީހުން މަދުވެގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ އަމާޒަކީ ހުއްޓާ ނުލައި ދެމެހެއްޓެނިވި ގޮތަކަށް އައްޑޫގައި ޓްރެފިކް ފުލުހުންގެ ހިދުމަތް ދެމުން ގެންދިއުން ކަމަށެވެ.
ދެހާސް ސާދަ ވަނަ އަހަރު ވެސް އައްޑޫގައި ޓްރެފިކް ފުލުހުންގެ ހިދުމަތް ފެށި އެވެ. އެކަމަކު މާ ގިނަ ދުވަސްތަކެއް ނުވެ، އެ ހިދުމަތް ވަނީ މެދުކެނޑިފަ އެވެ.
އައްޑުއަކީ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން ވަރަށް އާންމު ތަނެކެވެ. މި އަހަރުގެ މިހާތަނަށް ހިނގި އެކްސިޑެންޓްތަކުގައި ދެ މީހަކު ވަނީ މަރުވެފަ އެވެ.