23 ޑިސެމްބަރ 2025 - 19:00

ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް އަޑު އުފުލައި އެ މައްސަލަ ސަމާލުކަމަށް ގެނައުމަށް މަސައްކަތްކުރި އެކްޓިވިސްޓުންގެ ތެރެއިން ޖަލުގައި ހައިހޫނު ކަމުގެ ހަޅުތާލުކުރާ މީހުންނަށް ތާއީދުކޮށް އިނގިރޭސި ވިލާތުގެ ލަންޑަނުގައި މިއަދު ކުރި މުޒާހަރާއަކުން ސްވިޑެންގެ ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތަމްބާގް ހައްޔަރުކޮށްފި އެވެ.
މިއީ އިނގިރޭސި ވިލާތުގައި "ޕަލެސްތައިން އެކްޝަން" ގްރޫޕް، ޓެރަރިޒަމާ ދެކޮޅު ގާނޫނުގެ ދަށުން މަނާކުރި ފަހުން އެ ގްރޫޕްގެ މުޒާހަރާއަކުން ހައްޔަރުކުރި އެންމެ ހައި ޕްރޮފައިލް މީހާއަށް ވަނީ ވެފަ އެވެ.
"ޕްރިޒަނާސް ފޯ ޕަލެސްތައިން" އިން ނެރުނު ބަޔާނެއްގައި ބުނީ ތަމްބާގް ހައްޔަރުކުރީ އެ ޖަމާއަތުން ކުރިއަށް ގެންދިޔަ "ލޮކް-އޮން" މުޒާހަރާގެ ތެރެއިން، ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކަމަށެވެ.
ލޮކް-އޮން މުޒާހަރާ އަކީ މުޒާހަރާގެ ބައިވެރިން އުފުލާލައިގެން ނުގެންދެވޭ ގޮތަށް، އެކި އެއްޗެހީގައި ބަނދެވިގެން ނުވަތަ ތަޅުލެވިގެން ތިބެ ކުރާ މުޒާހަރާ އެވެ.
ތަމްބާގް ހައްޔަރުކުރި އިރު އޭނާ ހިފައިގެން އިން ބޯޑުގައި ލިޔެފައިވަނީ "އައި ސަޕޯޓް ޕަލެސްތައިން އެކްޝަން ޕްރިޒަނާސް. އައި އޮޕޯޒް ޖެނޮސައިޑް" އެވެ.
އުމުރުން 22 އަހަރުގެ ތަމްބާގް ވަނީ މިދިޔަ އޮކްޓޯބަރު މަހު ކަނޑުމަގުން ޣައްޒާއަށް ވަދެ އިޒްރޭލުގެ ހިސާރު ފޫއަޅުވާލަން މަސައްކަތްކުރި ފްލޯޓީލާ އިން ވެސް ހައްޔަރުކޮށް އިޒްރޭލުން ޑީޕޯޓްކޮށްފަ އެވެ.
ލަންޑަންގެ ފުލުހުން ބުނީ މުޒާހަރާއިން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުން ހައްޔަރުކުރީ އިމާރާތަކަށް ގެއްލުންވާ ގޮތަށް ކުށުގެ އަމަލުތައް ހިންގުމުން ކަމަށެވެ. މުޒާހަރާގެ ބައިވެރިން ވަނީ މަރުތޭލާއި ރަތް ކުލައިން އިމާރާތަކަށް ގެއްލުން ދީފައި ކަމަށް ފުލުހުން ބުންޏެވެ.
"މި މައްސަލާގައި ތުހުމަތު ކުރެވޭ ފިރިހެނަކާއި އަންހެނަކު ވަނީ ހައްޔަރުކޮށްފައި. އެ ދެ މީހުން ތިބީ 'ތަތްވެގެން' އޮށޯވެ. ސްޕެޝަލިސްޓް އޮފިސަރުން ދަނީ އެ މީހުން އެތަނުން ނެގުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ މަސައްކަތް ކުރަމުން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
"އޭގެ އިރުކޮޅެއް ފަހުން އެތަނަށް ދިޔަ އުމުރުން 22 އަހަރުގެ އަންހެނަކު ވެސް ދިޔަ. އޭނާ ހައްޔަރުކުރީ ޓެރަރިޒަމް އެކްޓް 2000 ގެ 13 ވަނަ މާއްދާގެ ދަށުން މަނާ ޖަމާއަތަކަށް ތާއީދުކުރާ ލިޔުމެއް ހިމެނޭ އެއްޗެއް ދެއްކުމުން."
ފުލުހުން ބަޔާނުގައި ބުނާ ޖަމާއަތަކީ "ޕަލެސްތައިން އެކްޝަން" ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މަނާކުރީ އެއާ ފޯސް ބޭސްއަކަށް އެ ޖަމާއަތުން ޖުލައި މަހު ވަދެގަނެ 9.3 މިލިއަން ޑޮލަރުގެ ގެއްލުން ދިން މައްސަލައިގަ އެވެ.
ހައިހޫނުކަމުގެ ހަޅުތާލުކުރަމުންދާ ގައިދީންގެ ތެރެއިން އެކަކަށް، އެއާ ފޯސް ބޭސްއަށް ވަން މައްސަލައިގައި ދައުވާ ވެސް ކުރެ އެވެ. މި ގައިދީން ހައިހޫނުކަމުގެ ހަޅުތާލުކުރަނީ ޖަލުގައި އެ މީހުންނާ މެދު އަމަލުކުރާ ގޮތާ މެދު ހިތްހަމަނުޖެހިގެންނާއި ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ޑިމާންޑުކޮށެވެ. މީގެ ތެރެއިން ދެ މީހަކު މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން އޮންނަނީ ހައިހޫނުކަމުގަ އެވެ.
މުޒާހަރާ އިންތިޒާމްކުރި "ޑިފެންޑް އަވަ ޖޫރީސް" އިން ބުނާ ގޮތުގައި ފަލަސްތީން އެކްޝަން ގްރޫޕްގެ މެމްބަރަކަށް ވުމަކީ 14 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ބޮޑު ޖިނާއީ ކުށެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅުމަށް ފަހު އެކި މުޒާހަރާތަކުން މިހާތަނަށް 2،300 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.