23 ޑިސެމްބަރ 2025 - 15:20

ރައީސް ޑރ. މުހައްމަދު މުއިއްޒު ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ވަނީ ޓެކްސީގެ ހިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތައް ހައްލު ކުރެވޭނެ ގޮތްތަކާއި އެ ހިދުމަތް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށެވެ.
ޓެކްސީ ކުރުމަށް ގެންނަ ވެހިކަލްތައް ރަޖިސްޓަރީ ކުރުމާއި ޕާކުކުރުން ކުރިއްސުރެ ހިނގަމުން އައި ގޮތަށް ވުރެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެއްސުމަށް ކުރެވިދާނެ ކަންކަމުގެ އިތުރުން މާލޭގެ ޓްރެފިކް މައްސަލަތައް މަދުކުރުމަށް ގެންނަން ފަށާފައިވާ ބަދަލުތައް ޓެކްސީ އެސޯސިއޭޝަނުން ރައީސްއާ ހިއްސާކޮށްފައިވާ ކަމަށް އެ އޮފީހުން ބުންޏެވެެ.
ރައީސް އޮފީހުން ބުނި ގޮތުގައި ސަރުކާރުން ފަށަން ތައްޔާރުވެފައިވާ ޓެކްސީ ލައިނާ ގުޅިގެން އެ އެސޯސިއޭޝަންގެ ހިޔާލުތައް ހުށަހަޅައި، ޓެކްސީ ޑްރައިވަރުންގެ ދަފްތަރާ ގުޅޭ ކަންކަން ވެސް އެ ބައްދަލުވުމުގައި ރައީސް މުއިއްޒާ އެކު މަޝްވަރާ ކުރި އެވެ.
އެ މަޝްވަރާތަކުގައި ރައީސް ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ ކަންކަން ރަނގަޅު ކުރުމަށް ދަފްތަރެއް މުހިއްމު ކަމަށެވެ. އަދި ސަރުކާރުން ޓެކްސީ ޑްރައިވަރުންނަށް ފަހިކޮށްދޭން ވިސްނާ ކަންކަން ވެސް ރައީސް ހިއްސާކުރެއްވި އެވެ.
އެ މަނިކުފާނު ވަނީ ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ހިދުމަތް ފޯރުކޮށްދޭ އެހެން ފަރާތްތައް ހިމެނޭ ގޮތަށް ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނުން ފާހަގަކުރި ކަންކަން ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނާ ބައްދަލުކުރެއްވިއިރު އާއްމު ދަތުރުފަތުރުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރަން ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް އެމްޓީސީސީން ޑްރައިވަރުން ހޯދަމުން އަންނައިރު އޭގައި ވަނީ ވަޒީފާ ދިނުމުގައި ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އިސްކަންދޭ ގޮތަށް ހަމަޖައްސައިފަ އެވެ.
ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ޖައްސާފައިވާ ޑްރައިވަރުންނަށް މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު އިން ވަނީ 50 ފްލެޓު ހާއްސަކޮށްފަ އެވެ.