23 ޑިސެމްބަރ 2025 - 12:58

ތަކުރާރުކޮށް އެކި ކުށްތައް ކުރާ 1،000 މީހުން މާލެ ތެރެއަށް ދޫވެގެން އުޅޭ މައްސަލާގައި ހައްލު ހޯދަން، އެ މީހުން އެއްފަރާތްކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މާލޭގައި ފުލުހުން ކުރާ މަސައްކަތްތަކުގެ ތަފްސީލުދޭން އިސްކަންދަރުކޮށީގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މާލޭގައި ވައްކަންކުރުން ގިނަވާ އެއް ސަބަބަކީ ތަކުރާރުކޮށް ކުށްކުރާ މީހުން ދޫވެފައި ތިބުން ކަމަށެވެ. ވައްކަން ގިނަވާ ދެވަނަ ސަބަބަކީ ވަގަށް ގެންދަން ފުރުސަތު ލިބޭ ގޮތަށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅަށް ނާޅައި މުދާ ބެހެއްޓުން ކަމަށް ވިދާޅުވި އެވެ.
"ތަކުރާރުކޮށް ކުށްކުރާ ގާތްގަނޑަކަށް 1،000 [މީހުން] އެބައުޅޭ، 1،000 މީހުން ގާތްގަނޑަކަށް ހަމަ ހުރިހާ ވައްކަންތަކެއްގައި ޝާމިލުވަނީ،" އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި ތަކުރާރުކޮށް ކުށްކުރާ މީހުންގެ ތެރެއިން ބައެއް މީހުން މި އަހަރުގެ މިހާތަނަށް ވެސް 1،012 ފަހަރު ހުއްޓުވައި ސުވާލުކޮށްފައިވެ އެވެ. އަދި 128 ފަހަރު ހައްޔަރުކޮށްފައިވާ މީހުންނާއި 580 ފަހަރު ހުއްޓުވައި ސުވާލުކޮށް، 55 ފަހަރު ހައްޔަރުކޮށްފައިވާ މީހުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"މި މީސްމީހުން މަގުމަތީގައި އުޅުމަކީ އަސްލުގައި ކުށް ހިނގަން ވަރަށް ބޮޑަށް ދިމާވާ ސަބަބެއް،" އޭނާ ވިދާޅުވި އެވެ.
ތަކުރާރުކޮށް ކުށްކުރާ މީހުން މުޖުތަމައު ތެރެއަށް ދޫވެފައި ތިބޭ މައްސަލަ ހައްލުކުރަން ފުލުހުން ކުރަމުން އަންނަ މަސައްކަތާ ބެހޭ ގޮތުން ޕޮލިސް އަބްދުﷲ ޝަރީރު ވިދާޅުވީ އެފަދަ މީހުންގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރަން ގިނަ އަދަދެއްގެ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވާފައިވާ ކަމަށެވެ.
"އެހެންވީމާ ހުކުމެއް އެ ފަރާތްތަކަށް ކުރެވިގެން ހައްޔަރުކުރެވޭ ދުވަހަކުން އަޅުގަނޑުމެންނަށް މީގެ ނަތީޖާ ފެނިގެންދާނެ ކަމަށް އަޅުގަނޑުމެންނަށް ވެސް ގަބޫލުކުރަނީ،" ޝަރީރު ވިދާޅުވި އެވެ.
ތަކުރާރުކޮށް ކުށްކުރާ މީހުން މުޖުތަމައުން އެއްފަރާތްކުރަން ކުރާ މަސައްކަތާ ބެހޭ ގޮތުން، އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި، ޕީޖީ އޮފީހާއި ކްރިމިނަލް ކޯޓާ ގުޅިގެން މިހާރު އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
"މިދިޔަ މަހުން ފެށިގެން މިއުޅެނީ ފަށައިގެން، ހަމަ ރިޕީޓް އޮފެންޑާސް ތެރޭގައި އެންމެ ގިނައިން ކުށްތަކުގައި އުޅޭ ފަރާތްތަކުގެ ލިސްޓެއް ނަގައިގެން، އަޅުގަނޑުމެން ތިން ފަރާތް އިށީނދެގެން، މީގެ ތެރެއިން ހުކުމެއް އަންނަ މީހުން މުޖުތަމައުން އެއްފަރާތްކުރުމަށް ޓަކައި އަވަހަށް ހުކުމް ކުރުމުގެ މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތުގެ ނަތީޖާ ހަ މަސް ތެރޭގައި ފެންނާނެ އެވެ.