ނަގުދު ފައިސާ އިން ހޭދަކުރުން: އިލްމީ ތަހުލީލުން ހާމަވަނީ ކޮން ކަމެއް؟
ނަގުދު ފައިސާ އިން ހޭދަކުރުން: އިލްމީ ތަހުލީލުން ހާމަވަނީ ކޮން ކަމެއް؟

ބަވަނަވަމުންދާ ދުނިޔޭގައި ރާއްޖެ ވެސް އަންނަނީ ކުރިއެރުންތައް ހޯދަމުންނެވެ. ދިވެހީންގެ ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވާ އެއް ދާއިރާއަކީ މާލީ ދާއިރާ އެވެ. ގިނަ ބަޔަކު ޑިޖިޓަލް ބޭންކިން އަށް ކުރު މުއްދަތެއްގެ ތެރޭގައި ވަނީ ރާއްޖޭގައި ހިޖުރަ ކޮށްފަ އެވެ.

ތަފާސްހިސާބުން ފެންނަ ގޮތުގައި 2023 ވަނަ އަހަރުގެ ނިޔަލަށް ބޭންކުތަކުގެ ކަސްޓަމަރުންގެ 80 ޕަސެންޓު މީހުން ޑިޖިޓަލް ބޭންކިންގެ ބޭނުން ހިފަ އެވެ. އަދި މި ފަހުން ރަށްރަށުގައި ބެހެއްޓި އޭޓީއެމްތަކުގެ ސަބަބުން ނަގުދު ފައިސާ ބޭނުންކުރުން އިންތިހާ އަށް ދަށްވެ، ޑިޖިޓަލް މުއާމަލާތައް އެތައް ގުނައަކުން އިތުރުވާނެ ކަމީ ޔަގީން ކަމެކެވެ.

ޒަމާނަށް އައިސްފައިވާ މި ބަދަލާ އެކު، އަޅުގަޑުމެން ފައިސާގެ މުއާމަލާތްތަކަށް ބޭނުންކުރާ ވަސީލަތްތަކަށް ވެސް މި ވަނީ ބޮޑު އިންގިލާބެއް އައިސްފަ އެވެ. ނަގުދު ފައިސާ އިން ކުރަމުން އައި ހޭދަ ވަނީ ފޯނުގައި ދެ ފަހަރަކު އިނގިލި ޖައްސާލުމުން ފައިސާ ދެއްކޭހާ ފަސޭހަ ވެފަ އެވެ. ކޭޝްލަސް ދުނިޔެ އަކަށް ޒަމާން ބަދަލުވެފަ އެވެ.

ރާއްޖޭގައި ބޭނުންކުރާ ޑިޖިޓަލް ވަސީލަތްތަކުގެ އަދަދު އެންމެ ރަނގަޅަށް ދެނެގަނެވެން އޮތީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އާންމުކުރާ ތަފާސްހިސާބުންނެވެ. އެ ތަފާސްހިސާބުން ދައްކާ ގޮތުގައި 2024 ގެ ނިޔަލަށް 578،316 ޑެބިޓް ކާޑު، 47،420 ކްރެޑިޓް ކާޑު އަދި 25،485 ފައިސާގެ ވޮލެޓް ރާއްޖޭގައި ދޫކޮށްފައި އެބަހުއްޓެވެ. އަދި މިފަދަ ވަސީލަތްތައް އަންނަނީ އަހަރުން އަހަރަށް ހަލުވި މިނުގައި އިތުރުވަމުން ކަމުގައި ދައްކަ އެވެ.

ރާއްޖޭގެ އިގުތިސާދީ ތަރައްގީއާ އެކު، ދިވެހިރާއްޖޭގެ ބޮލަކަށް ޖެހޭ އާމްދަނީ އިތުރުވެ، ފަރުދީ މުއްސަނދިކަން ދަނީ ފުޅާވަމުންކަން ސާފުކޮށް ފެނެ އެވެ. ނަމަވެސް، މިފަދަ ކުރިއެރުންތަކާ އެކު، ތއާރަފު ކޮށްފައިވާ ފައިސާ ދެއްކުމުގެ ފަސޭހަ ވަސީލަތްތަކުގެ ސަބަބުން، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ފެންވަރަށާއި އުފާވެރިކަމަށް އެ އިން ކުރާނީ ފައިދާއެއްތޯ ނުވަތަ ގެއްލުމެއްތޯ މިއީ ވިސްނާ ފިކުރު ކޮށްލަންޖެހޭ މުހިންމު ސުވާލެކެވެ. މިކަމުގެ ހަގީގަތް ދެނެގަތުމަށްޓަކައި، މިފަދަ ކަންކަމާ ގުޅޭގޮތުން ހަދާފައިވާ ޢިލްމީ ދިރާސާތަކަށް ނަޒަރު ހިންގާލުން މުހިންމެވެ.

ބިހޭވިއަރަލް އިކޮންމިކްސް ގެ އިލްމުން ހާމަވާ ހަގީގަތަކީ ނަގުދު ފައިސާގެ ބަދަލުގައި ފަސޭހައިން ފައިސާ ދެއްކޭ ވަސީލަތްތައް ކަމަށްވާ ކޭޝް ކާޑު އަދި ކްރެޑިޓް ކާޑު ފަދަ ލުއިފަސޭހަ ވަސީލަތްތަކުގެ ސަބަބުން، ކުރެވޭ ހޭދަ ސިކުނޑި އަށް އިހުސާސްވުން ދަށްވާ ކަމުގަ އެވެ.

ފައިސާ ހޭދަ ކުރުމުގައި އިންސާނާގެ ސިކުނޑި އަށް އިހުސާސްވާ ނުތަނަވަސްކަން އެތައް ގުނައަކަށް ޣައިބުވާ ކަމުގައި ދިރާސާ އިން ދައްކަ އެވެ. ހޭދަކުރުމުގައި ހިމެނޭ ތަހައްމަލުކުރުން ނުވަތަ "ޕެއިން އޮފް ޕެއިން" ގެ މަފުހޫމްގެ ގޮތުގައި ވުޖޫދުވެ، ކުރިއަރާފައިވާ އިލްމީ މި ހޯދުމުން ހާމަވާ ކަމަކީ ފައިސާ ދެއްކުމުގައި ބޭނުންކުރާ ލުއިފަސޭހަ ވަސީލަތްތަކުގެ ސަބަބުން ކަސްޓަމަރުން މުދަލެއް ނުވަތަ ހިދުމަތަކަށް ކުރާ ހޭދައާ، އެ މުއާމަލާތަކުން ލިބޭ ހިތްހަމަޖެހުން ނުވަތަ ވެލިއު ވަޒަން ކުރުމުގައި ވަރަށް ބޮޑަށް އަސަރުފޯރާ ކަމެއް ކަމުގަ އެވެ.

މިފަދަ ލުއި ވަސީލަތްތައް ކަމަށްވާ ޑެބިޓް ކާޑު، ކްރެޑިޓް ކާޑު، ކިއުއާރް ކޯޑް، ފޯނުގެ އެޕްލިކޭޝަން، މޮބައިލް ވޮލެޓް އަދި ފަހުން ފައިސާ ދައްކާ ސްކީމްތައް ބޭނުންކޮށްގެން ފައިސާ ދެއްކުމުން ހަގީގަތުގައި ސިކުނޑިން ދެނެގަންނަން ޖެހޭ ތަހައްމަލު ކުރުމުގެ ހޭވެރިކަން މި ވަސީލަތްތަކުގެ ސަބަބުން ވަންހަނާ ކުރާ ކަމުގައި އިލްމީ އެތައް ތަހުލީލީ ހޯދުންތަކުން ދަލީލު ކޮށްދެ އެވެ.

ދެންނެވުނު ވަސީލަތްތަކުގެ ތެރެއިން ކްރެޑިޓް ކާޑަކީ އެންމެ ނުރަނގަޅު އަސަރު އިންސާނާ އަށް ކުރުވާ އެއް ވަސީލަތެވެ. މީގެ މައިގަނޑު ސަބަބަކީ އަބަދުވެސް މި ފަދަ ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ފައިސާ ކުޑަ އިންޓަރެސްޓެއް ދެއްކުމަށް ފަހު، ފަސްކުރުމުން ދަރަނި އެތައް ގުނައަކުން އިތުރުވާވުން (ކޮމްޕައުންޑްވުން) އަދި މި ކަމަށް ހޭދަވަމުންދާ މިންވަރު އަޅުގަޑުމެންނަށް ދެނެގަތުމަށް ހުރަސްއަޅާ ކަމެވެ. އަދި އޭގެ މާލީ ގެއްލުން އަޅުގަޑުމެންނަށް އިހުސާސް ކޮށްދިނުމުން ވަންހަނާ ކޮށްދޭތީ އެވެ.

ޝައްކެއްވެސް ނެތެވެ. ދުނިޔެ ކުރިއަރަމުންދާ މިންވަރަށް އަޅުގަނޑުމެންގެ ރާއްޖެ ވެސް ކުރިއަރައި ދާންޖެހެ އެވެ. ޒަމާނީ އަދި ލުއިފަސޭހަ ފައިސާ ދެއްކުމުގެ ވަސީލަތްތައް ތައާރަފު ކުރަންޖެހެ އެވެ. ނަމަވެސް، މި ކަންކަން ކުރަން ވާނީ ރަނގަޅު ރެގިއުލޭޓަރީ ނިޒާމެއްގެ ތެރެއިންނެވެ. ކޮންމެ ރައްޔިތެއްގެ ބޮލުގައި މި ފަދަ ޒިންމާ އެޅުވުމަށް ވުރެ، ކަސްޓަމަރުން ރައްކާތެރިކުރުމުގެ ބީދައަކުން މި ކަމަށް ރިއާޔަތް ކުރަންޖެހެ އެވެ.

ރާއްޖޭގައި މާލީ ދާއިރާގައި ކޮންސިއުމަރުންގެ މާލީ ދުޅަހެޔޮކަން ދެނެގަތުމަށް ހެދިފައިވާ ވަރަށް އާދައިގެ ތަފާސްހިސާބަށް ވުރެ، ޒަމާނީ އަދި އީޖާދީ ތަފާސްހިސާބުތަކަކުން މި މިންތައް ބަލަންޖެހެ އެވެ. ދައުލަތުގެ ކަމާބެހޭ މިނިސްޓްރީތަކުން ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތައް އާރޯކޮށް، ފިޔަވަޅުތައް އަޅަން ޖެހެ އެވެ.

ވަކިން ހާއްސަކޮށް ގޭބިސީތަކުގެ މި ފަދަ ދަރަނީގެ ހާލަތު ނުވަތަ "ހައުސް ހޯލްޑް ޑެޓް ކޮލިޓީ" ވަޒަން ކުރުމާއި ރައްޔިތުން އެފަދަ ދަރަނިތަކަށް އެކްސްޕޯސް ކުރާނެ ރައްކާތެރި މިންތައް ތަފާސްހިސާބުގެ އަލީގައި މުތާލިއާ ކުރަން ޖެހެ އެވެ. މަހެއް ނިމޭއިރު ކްރެޑިޓް ކާޑަށް އަރާ އިންޓަރެސްޓްގެ އިތުރަށް، ޖުމްލަ އަހަރަކަށް ދައްކަން ޖެހުނު އިންޓަރެސްޓްގެ އަދަދުތައް ކޮންމެ މަހެއްގެ ސްޓޭޓްމަންޓުގައި ހިމަނަން ޖެހެ އެވެ. ހޭލުންތެރިކުރުމުގެ ހަރާކާތްތައް މިކަމުގައި އިތުރުކުރުމަށް ބޭންކުތަކަށް ލާޒިމުކުރަން ޖެހެ އެވެ. އެއީ ޒަމާނަށް އަންނަ ލުއި ގޮތްތަކާ އެކު، ދައުލަތުން ރައްޔިތުން ރައްކާތެރިކޮށް، އުފާވެރި ރައްޔިތަކު އުފެދުމަށް އަދާކޮށްދޭން ޖެހޭ މަސްއޫލިއްޔަތެކެވެ.

އަނިލް އާދަމަކީ މިދިޔަ 20 އަހަރު ދައުލަތުގެ އެކި މަގާމުތަކުގެ އިތުރުން، އަމިއްލަ ވިޔަފާރިތަކުގައި ކޯޕަރޭޓް ގަވަނަންސާއި އިންވެސްޓްމަންޓް އަދި ސްޓްރެޓެޖީގެ ދާއިރާގައި ކޮންސަލްޓިން ދިނުމާއި މަތީ ތައުލީމު ދިނުމުގެ ދާއިރާގައި ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.