22 ޑިސެމްބަރ 2025 - 23:56

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ބައްދަލުކުރައްވައިފި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޕްރައިމަރީއާ ދިމާކޮށް، އެމްޑީޕީގެ އެތެރޭގެ ހަރަކާތްތައް ގިނަ ވާން ފަށާފައިވާ މި ދުވަސްވަރާ ދިމާކޮށް ދެ ބޭފުޅުންގެ ބައްދަލުވުން ބޭއްވީ ޝާހިދުގެ ގެކޮޅު ހ. ރަބީއުގޭގަ އެވެ.
ނަޝީދާއި ޝާހިދު ވަކިން މި ބައްދަލުކުރެއްވީ، މިދިޔަ ޖޫން 23 ވަނަ ދުވަހުގެ ރޭ ނަޝީދު އަލުން އެމްޑީޕީ އަށް ސޮއިކުރެއްވި ފަހުން ފުރަތަމަ ފަހަރަށެވެ. އެ ދެބޭފުޅުންގެ ބައްދަލުވުމަށް ފަހު، ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު ރައީސް އިިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ ދެބޭފުޅުން ވެސް ވަރަށް އަވަހަށް ބައްދަލުކުރައްވަން ވަނީ ނިންމަވައިފަ އެވެ.
ދެ އަހަރެއްހާ ދުވަސް ވަންދެން އެމްޑީޕީއާ ދުރުގައި ހުންނެވި ނަޝީދު އަލުން އެ ޕާޓީއާ ގުޅިވަޑައިގެން ސިޔާސީ ހަރަކާތްތައް އިތުރު ކުރެއްވީ އަންނަ އަހަރުގެ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ފްރައިމަރީގެ ފޯރިގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ.
ނަޝީދު ހުންނެވީ އެ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމާ އެކުގަ އެވެ. ނަޝީދާއި ސިޔާސީ ހިޔާލު ތަފާތުވުންތައް އޮތް ކުރީގެ ގާތް އެކުވެރިޔާ އިބޫ ސަޕޯޓް ކުރައްވަނީ މިހާރު ވެސް މާލޭގެ މޭޔަރު އާދަމް އާޒިމަށެވެ.
ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެން ބޮޑަށް މަސައްކަތް ކުރައްވަނީ މިދިޔަ މަހު އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއިލްގެ ޓީމާ އެކުގަ އެވެ.
އެމްޑީޕީގެ ލީޑަޝިޕްގެ "ކޯޅުމުގައި" އިބޫގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދު ހުންނެވީ ސިޔާސީ ގޮތުން އަދި ވަކިކޮޅަކަށް ނާރުއްވާ ކަމަށް ވެ އެވެ.