23 ޑިސެމްބަރ 2025 - 05:45

މިދިޔަ ސެޕްޓެމްބަރު މަހު ނޭޕާލްގެ ވެރިކަން ވައްޓާލި ޖެން ޒީ މޫމްމަންޓާ އެކު އެ ގައުމުގެ ވަގުތީ ސަރުކާރުން މިދިޔަ ހަފްތާގައި ތާރީހީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ޒުވާނުން އެންމެ ފުރަތަމަ މަގުތަކަށް ނުކުމެ މުޒާހަރާ ފެށީ ސަރުކާރުން ސޯޝަލް މީޑިއާ މަނާކުރުމުންނެވެ. އެ ރުޅިވެރިކަމުގައި ހިނގި ހަމަނުޖެހުންތަކާ އެކު އެތައް ބަޔަކު މަރުވެ މަސްރަހު ގޯސްވުމާ އެކު ކޮރަޕްޝަނާ ދެކޮޅު މުޒާހަރާއަކަށް ބަދަލުވެ ޒުވާނުންގެ އިތުރުން އެންމެން މަގުތަކަށް ނުކުތެވެ.
ވެރިރަށް ކަތުމަންޑޫގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ވަގުތީ ބޮޑުވަޒީރު ސުޝީލާ ކަރްކީ އާއި މުޒާހަރާގައި މަރުވި މީހުން ތަމްސީލްކުރާ ބޯޖް ބިކްރަމް ތާޕާ އެވެ.
"މިއީ ވަރަށް ބޮޑު ކާމިޔާބީއެއް،" ކަރްކީ ވިދާޅުވި އެވެ.
"މި އެއްބަސްވުމުގައި ދެ ފަރާތެއްގެ ގޮތުގައި އަޅުގަނޑުމެން ސޮއިކުރި ނަމަވެސް، އަޅުގަނޑުމެން އެންމެން ވެސް ތިބީ އެކީގައި. އަޅުގަނޑުމެން އެންމެން ވެސް ބޭނުންވަނީ ޒުވާނުން ލީޑާޝިޕްގެ ތެރެއަށް ވަދެ، އެ މީހުންގެ އުއްމީދުތަކާއި ވިސްނުންތަކާ އެއްގޮތަށް ގައުމު ކުރިއަށް ގެންދަން،" އޭނާ ވިދާޅުވި އެވެ.
މި އެއްބަސްވުމުގެ ދަށުން ކޮރަޕްޝަނާއި ފަސާދަ ކުޑަކުރުމަށާއި، ސަރުކާރު ހަރުދަނާ ކުރުމާއި، އިންތިހާބާ ބެހޭ ގާނޫނުތަކާއި ގާނޫނުއަސާސީއަށް ވެސް އިސްލާހުތައް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން، މުޒާހަރާގައި މަރުވި އަދި ޒަހަމްވި މީހުންގެ އާއިލާތަކުގެ ޑިމާންޑްތަކަށް ސަރުކާރުން އިޖާބަ ދިނުމާއި، އެ ހާދިސާތައް ތަހުގީގުކުރާ ކޮމިޝަންގެ މެންޑޭޓް ފުޅާކުރުން ވެސް ވަނީ ލާޒިމުކޮށްފަ އެވެ.
ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު ނޭޕާލުގައި މުޒާހަރާ ފެށި ދުވަހު 19 މީހަކު ވަނީ މަރުވެފަ އެވެ.
އޭގެ އަނެއް ދުވަހު، ހަމަނުޖެހުން މުޅި ގައުމަށް ފެތުރިގެން ގޮސް، ގާނޫނު ހަދާ މަޖިލިހާއި ސަރުކާރުގެ އޮފީސްތަކުގައި ރޯކޮށް، އަދި އެންމެ ފަހުން ސަރުކާރު ވެއްޓުނެވެ.
ހަމަނުޖެހުންތަކުގައި އެންމެ މަދުވެގެން ވެސް 76 މީހަކު ވަނީ މަރުވެފަ އެވެ.
އޭގެ ދެތިން ދުވަސް ފަހުން، ވަގުތީ ބޮޑުވަޒީރުކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ކަރްކީ އައްޔަންކޮށް އަންނަ އަހަރުގެ މާޗު މަހުގެ ފަސް ވަނަ ދުވަހު އިންތިހާބު ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ. -- އޭއެފްޕީ