22 ޑިސެމްބަރ 2025 - 12:09

އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނަލް މެސީ ދާދި ފަހުން އިންޑިއާ އަށް ކުރި ދަތުރުގައި އޭނާ އަށް އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީގެ ދަރިފުޅު އާނަންތު އަމްބާނީ 1.2 މިލިއަން ޑޮލަރުގެ ލަގްޒަރީ ގަޑިއެއް ހަދިޔާކުރި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޑިއާގެ އަމިއްލަ ކުންފުންޏަކުން އިންތިޒާމުކުރި ޓުއާގައި ކަލްކަތާ، ހައިދަރުއާބާދު، މުމްބާއީ، އަދި ނިއު ދިއްލީގައި ފުޓްބޯޅަ ހަރަކާތްތަކެއްގައި ބައިވެރިވުމަށް ފަހު މެސީގެ އެންމެ ފަހު މަންޒިލަކަށްވީ އާނަންތު އަމްބާނީގެ ވައިލްޑްލައިފް ކޮންވަޒޭޝަން ސެންޓަރު "ވަންތަރާ" އެވެ.
ޖާމްނަގަރުގައި ހުންނަ އެ ސެންޓަރަށް މެސީ ވަންއިރު އަތުކުރީގައި ގަޑިއެއް ނެތެވެ. އެކަމަކު ނުކުތްއިރު އަޅާފައި އޮތީ ސްވިޒަލެންޑުގެ ލަގްޒަރީ ގަޑި ބްރޭންޑް ރިޝާޑް މީލްގެ "އާރްއެމް އޭޝިއާ ބުޓިކް" ގަޑިއެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި 1.2 މިލިއަން ޑޮލަރު (18.5 މިލިއަން ރުފިޔާ) ގެ އަގުހުރި މި ގަޑި މެސީ އަށް ހަދިޔާކުރީ އާނަންތެވެ.
މި ބައްދަލުވުމުގައި އާނަންތު އަޅައިގެން ހުރީ ވެސް އެހާމެ އަގުބޮޑު ގަޑިއެކެވެ. އޭނާ އަށް ހާއްސަކޮށް ރިޗާޑް މިލް އަށް ފަރުމާކޮށްފައިވާ އެ ގަޑީގެ އަގު ފަސް މިލިއަން ޑޮލަރަށް ވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ.
އިންޑިއާގެ ފުޓްބޯޅަ ލީގަށް ސްޕޮންސަރުން ނުލިގެން ހުއްޓިފައި އޮތް ދަނޑިވަޅެއްގައި އެ ގައުމުގެ ބިލިއަނަރު އެކަމަށް އެހީނުދީ މެސީ އަށް އަގުޮބޮޑު ގަޑިއެއް ދިނުމުން ފާޑުކިއުން ވެސް އަމާޒުވެފައިވެ އެވެ.
ދުނިޔޭގެ ދެ ވަނަ އަށް އެންމެ މުއްސަނދި ފުޓްބޯޅަ ކުޅުންތެރިޔާ މެސީ އަކީ އަގުބޮޑު ގަޑި ކަލެކްޝަނެއް ގެންގުޅޭ ކުޅުންތެރިއެކެވެ.