މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ގޭބަންދަށް ބަދަލެއް ނުކުރި
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ގޭބަންދަށް ބަދަލެއް ނުކުރި

ހިޔާނާތާއި ކޮރަޕްޝަންގެ ކުށުގައި ހަ އަަހަރަށް ޖަލަށް ލާފައިވާ، މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގް ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ ނާކާމިޔާބުވެއްޖެ އެވެ.

އުމުރުން 72 އަހަރުގެ ނަޖީބުގެ ވަކީލުން ވިދާޅުވާ ގޮތުގައި ރަސްގެފާނު މާފު ދެއްވުމުގެ އުސޫލަށް ގެނެސްފައިވާ އިސްލާހުތަކެއްގެ ސަބަބުން ނަޖީބުގެ ޖަލު ހުކުމް މިހާރު ގޭ ބަންދަށް ބަދަލުކުރަން ޖެހެ އެވެ.

ނަމަވެސް ގާޒީ އެލިސް ލޯކް ޔީ ޗިންގް ވަނީ ޝާހީ ނިންމެވުމަކީ ނަޖީބަށް ލުއި ލިބޭނެ ހުއްޖަތެއް ނޫން ކަމަށް ނިންމަވައިފަ އެވެ.

އެހެންވެ ގޭ ބަންދުގައި ބެހެއްޓުމަށް ކޯޓަށް އަމުރު ނުކުރެވޭނެ ކަމަށް ކުއާލަލަމްޕޫރު ހައި ކޯޓުގެ ފަނޑިޔާރު ވިދާޅުވި އެވެ.

"މެލޭޝިއާގައި، ގޭ ބަންދު ކުރުމަކީ ގާނޫނީ ގޮތުން ކުރެވެން އޮންނަ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ. "އެހެންވެ ޖުޑިޝަލް ރިވިއު ބާތިލް ކަމަށް ކަނޑައަޅަން."

ނަޖީބުގެ ވަކީލް މުހައްމަދު ޝާފީ އަބްދުﷲ ނޫސްވެރިންނަށް ވިދާޅުވީ އެ ހުކުމް އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.

ނަޖީބަށް 2020 ވަނަ އަހަރުގެ ޖުލައި މަހު އެންމެ ފުރަތަމަ އިއްވީ 12 އަހަރުގެ ޖަލު ހުކުމެކެވެ. އެއީ ވަން މެލޭޝިއާ ޑިވެލޮޕްމަންޓް ފަންޑް (1އެމްޑީބީ) ގެ ސަބްސިޑަރީ އެސްއާރްސީ އިންޓަނޭޝަނަލް މެދުވެރިކޮށް 42 މިލިއަން ރިންގިޓް (އޭރުގެ ރޭޓުން ނަމަ 9.9 މިލިއަން ޑޮލަރު) ނަހަމަ ގޮތުގައި ހޯދި މައްސަލައެއްގަ އެވެ. އެ މައްސަލައިގައި ކުރި ހުކުމުން ރަސްގެފާނު ވަނީ ފަހުން ދެ ބައިކުޅަ އެއް ބައި އުނިކޮށްފަ އެވެ.

ނަޖީބަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ނާކާމިޔާބުވި މައިގަނޑު ސަބަބު ކަމަށްވާ މާލީ ހިޔާނާތުގެ މައްސަލައިގެ ޝަރީއަތް ނިމި ހުކުރު ދުވަހު އިތުރު ހުކުމެއް ވެސް އިއްވާނެ އެވެ. މިއީ 1އެމްޑީބީ ފަންޑުން 2.28 ބިލިއަން (554 މިލިއަން ޑޮލަރު) ނެގި ކަމަށް ތުހުމަތުކުރާ މައްސަލައަކާ ގުޅިގެން ކުރާ ހަތަރު ދައުވާއަކާއި މަނީ ލޯންޑަރިންގެ 21 ދައުވާއެއް ހިމެނޭ މައްސަލައެކެވެ. އެހެންވެ މިއީ ނަޖީބަށް ކުރާ ތުހުމަތުތަކުގެ މައިގަނޑު މައްސަލައިގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. -- އޭއެފްޕީ