22 ޑިސެމްބަރ 2025 - 09:52

ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓިކްޓޮކްގައި ކުޑަ އަންހެންކުއްޖަކު ވިއްކަން އިއުލާންކުރުމަކީ ޖިނާއީ މައްސަލައެއް ކަމަށާއި އެ މައްސަލައިގެ ޝަރީއަތް ފަށައި ފުރަތަމަ އަޑުއެހުން ވެސް ނިމިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ 1 ގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި އެ ކުއްޖާގެ މަންމަ ވަނީ ކުއްޖާ ވިއްކާލަން އިއުލާނުކުރި މީހާ ހުރީ ދޫކޮށްލާފައި ކަމަށާއި އެ މައްސަލަ ކުރިއަށް ނުދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ރައީސް މުއިއްޒުގެ ދަރިކަލުންގެ ކަރާމާތަށް އަރައިގަތުމުން އެ މައްސަލަ ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔަ ކަމަށާއި އެކަމަކު އޭނާގެ ދަރިފުޅަށް މިފަދަ ކަމެއް ދިމާވުމުން އެ މައްސަލަ ކުރިއަށް ނުދާ ކަމަށް ބުނެ ނުރުހުން ފާޅުކުރި އެވެ.
އެހެންވެ، އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެ މައްސަލާގައި ހިމެނޭ މީހާ ދޫކޮށްލާފައި ހުރި ކަމަށް މީޑިއާ އިން އެ މަނިކުފާނަށް ފެނިވަޑައިގަތުމުން ތަފުސީލް ހޯއްދެވި ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ވަގުތު އެ މީހާ ދޫކޮށްލާފައި ހުއްޓަސް އޭނާ ހައްޔަރުކޮށް، އޭނާގެ މައްޗަށް ފުލުހުން ތަހުގީގު ވަނީ ހިންގައިފަ އެވެ. އަދި އެ މައްސަލާގައި އެ މީހާގެ މައްޗަށް ޖިނާއީ ދައުވާ ވެސް ކޮށްފައިވާ ކަން އެނގިވަޑައިގަތް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ވެސް ކޯޓުގައި ވަނީ ބާއްވައިފަ އެވެ.
"އެ މައްސަލާގައި ހިމެނޭ މީހާ ދޫކޮށްލާފައި ހުރި ކަމަށް މީޑިއާ އިން ފެނުމާ އެކު، އެ މައްސަލައިގެ ތަހުގީގު ހޯދިން. އެ ވަގުތު އެ މީހާ ދޫކޮށްލާފައި ހުރި ނަމަވެސް އޭނާ ހައްޔަރުކުރެވި އޭނާގެ މައްޗަށް ވަނީ ތަހުގީގު ކުރިއަށް ގެންދެވި، ޖިނާއީ ދައުވާ މިހާރު ކޮށްފައި. އަދި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ވެސް މިހާރު ވަނީ ބޭއްވިފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުޑަކުދިންނަށް އެކި ގޮތްގޮތުން ލިބޭ އަަނިޔާ އާއި ފުރައްސާރައިގެ މައްސަލަތައް ބެލުމުގައި ސަރުކާރުން އިސްކަން ދޭނެ ކަމަށެވެ. އަދި އެ މަނިކުފާނަކީ އެއްވެސް ކުއްޖަކު ތަފާތު ކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވެސް ކުޑަކުދިން ތަފާތު ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"ކުޑަކުދިންނަށް އެކި ގޮތްގޮތުން ލިބޭ އަނިޔާ އަދި ފުރައްސާރައިގެ މައްސަލައަކީ އަޅުގަނޑު ވަރަށް އިސްކަމެއްދޭ ކަންކަން. އެއްވެސް ކުއްޖަކު ތަފާތެއް ނުކުރަން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެ ހާދިސާގައި ސަރުކާރުގެ ފަރާތުން އެއްވެސް އިހުމާލެއްވެފައި ނެތް ކަމަށެވެ.
"އެހެންވީމަ އެ މައްސަލަ މިހާރު އެދަނީ ކޯޓުގައި ހިނގަމުން. އެކަން ސާފުކޮށްލަދެން. އަޅުގަނޑުގެ ކުއްޖެކޭ އެހެން މީހެއްގެ ކުއްޖެކޭ އަޅުގަނޑު މިކަމުގައި ތަފާތެއް ނުކުރާނަން. އަޅުގަނޑުގެ އަންހެނުން ވެސް ތަފާތެއް ނުކުރާނެ. މިގޮތަށް ކަންކަން އޮންނަ ގޮތް އިމޯޝަނަލީ ވިޔަސް ނޭނގި އޮވިއްޖެއްޔާ އެ ވިދާޅުވާ ކަމަކާ ގުޅިގެން އޮޅުން އަރާފާނެތީ މި ދަންނަވާލީ،" ރައީސް ވިދާޅުވި އެވެ.
ޓިކްޓޮކް ލައިވެއްގައި، އުމުރުން 13 އަހަރުގެ އަންހެންކުއްޖެއްގެ ފޮޓޯ ދައްކައި، އެ ކުއްޖާއާ ގުޅޭ ގޮތުން ހަޑިހުތުރު ވާހަކަދައްކައި އަދި އެ ކުއްޖާގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ އަަމަލެއް ހިންގާފައިވާ ކަމުގެ ރިޕޯޓު ލިބިގެން އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވެސް މިދިޔަ އޮގަސްޓު މަހު ބުނެފައި ވެ އެވެ.
ފުލުހުން އޭރު ބުނެފައިވާ ގޮތުގައި އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ދޫކޮށްލީ އެވެ. އެކަމަކު އެ މައްސަލައިގެ ތަހުގީގަށް އެ މީހާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
އެ މީހާ ވަނީ އެ ކުއްޖާ ވިއްކާލާނެ ކަމަށް ބުނެ، އެ ކުއްޖާގެ ފޮޓޯ ވެސް ޓިކްޓޮކްގައި އާންމުކޮށްފަ އެވެ. އެ މީހާ ކުއްޖާގެ ފޮޓޯ އާންމުކޮށް، ވިއްކާލާނެ ކަމަށް ޖެހީ ކުއްޖާގެ މަންމައާ ޖެހުނު މައްސަލައެއްގައި ކަން ވަނީ އެނގިފަ އެވެ. އިތުރު ކުދިންތަކަކަށް ޖިންސީ ގޯނާކުރަން ހިތްވަރުދީ ވެސް ސޯޝަލް މީޑިއާގައި އެ މީހާ ގޮވާލާފައިވާ ކަމަށް ބުނެ އަންހެން މީހާ ވަނީ އެ މައްސަލަތައް ބަލައިދޭން ވެސް ރޭ ގޮވާލައިފަ އެވެ.
އެ ކުއްޖާގެ މަންމަ ވަނީ އެ މައްސަލަ ފުލުހުންގެ އިތުރުން ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓް މިނިސްޓްރީ އަށް ވެސް ރިޕޯޓްކޮށްފަ އެވެ.