03 އެޕްރީލް 2017 - 09:02

ގްރަނާޑާ (އޭޕްރިލް 3) – ގްރަނާޑާ އަތުން 4-1 އިން މޮޅުވެ ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެ ޕޮއިންޓަށް ބާސެލޯނާ ގާތްކޮށްފި އެވެ.
މެޑްރިޑް ވަނީ ރޭ އަމިއްލަ ލަނޑުގައި ޑިޕޯޓިވޯ އަލަވެސް އަތުން 3-0 އިން މޮޅުވެ ފަސް ޕޮއިންޓުގެ ލީޑެއް އެއް ވަނައިގައި ނަގައިފަ އެވެ. އެކަމަކު ބާސެލޯނާގެ މޮޅާ އެކު މެޑްރިޑުގެ ލީޑު ދެ ޕޮއިންޓަށް ހަނިވީ އެވެ. ޖުމްލަ 68 ޕޮއިންޓާ އެކު މެޑްރިޑް އެއް ވަނައިގައި އޮތްއިރު ބާސެލޯނާ ދެ ވަނައިގައި އޮތީ 66 ޕޮއިންޓާ އެކު އެވެ.
އެއް މެޗުގެ ސަސްޕެންޝަނެއްގައި ހުރި ލިއޮނަލް މެސީ ނެތި ބާސެލޯނާ ކުޅުނު މި މެޗުގެ 44 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ލުއިސް ސުއަރޭޒެވެ. ދެ ވަނަ ހާފު ފަށައިގެން 50 ވަނަ މިނެޓުގައި ޖެރެމީ ބޯގާ ވަނީ ގްރަނާޑާ އަށް އެއްވަރުކޮށްދީފަ އެވެ.
ބާސެލޯނާ އަށް އަލުން ލީޑު ނަގައިދީ 64 ވަނަ މިނެޓުގައި ޕަކޯ އަލްސެސާ އެވެ. ތިން ވަނަ ލަނޑު 83 ވަނަ މިނެޓުގައި އިވާން ރަކިޓިޗް ޖެހިއިރު ފަހު ލަނޑު އިތުރު ވަގުތުގެ ތެރޭ ޖެހީ ނޭމާ އެވެ. މިއީ އޭނާ ބާސެލޯނާ އަށް ޖަހައިދިން 100 ވަނަ ލަނޑެވެ.
"އަހަރެން މިހިރީ ވަރަށް އުފަލުން. އަހަރެން މި ގޯލް ހަދިޔާކުރާނީ ޓީމުގެ ކުޅުންތެރިންނަށް، އެ ކުޅުންތެރިން ކޮންމެ ދުވަހަކު އަހަންނަށް އެހީވެދޭ. އަހަރެން ބޮޑަށް އުފާވަނީ މި މެޗުން މޮޅުވުމުން،" ނޭމާ ބުންޏެވެ.
އަލަވެސް އަތުން ރެއާލް މެޑްރިޑް މޮޅުވިއިރު ގޯލް ޖަހައިދިނީ ކަރިމް ބެންޒެމާ އާއި އިސްކޯ އަދި ނަޗޯ އެވެ.