ފަލަސްތީނުގެ ދައުލަތަށް ހުރަސްއަޅަން ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އިތުރު 19 އާބާދެއް
ފަލަސްތީނުގެ ދައުލަތަށް ހުރަސްއަޅަން ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އިތުރު 19 އާބާދެއް

އިޒްރޭލުން ހިފާފައި އޮންނަ، ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރުމަށް އިތުރު 19 ސަރަހައްދެއް ކަނޑައަޅައި އިއްޔެ އިއުލާނުކޮށްފި އެވެ.

އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިނޭންސް މިނިސްޓަރު ބުނީ މި ކަން ކުރީ މުސްތަގުބަލުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ހުރަސް އެޅުމަށް ކަމަށެވެ.

ސެކިއުރިޓީ ކެބިނެޓުން ނިންމި މި ނިންމުމާ އެކު ފާއިތުވި ތިން އަހަރުގެ ތެރޭގައި ހުއްދަ ދިން އާބާދުތަކުގެ އަދަދު 69 އަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މިކަން އިއުލާނުކޮށްފައި މި ވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވުމުގެ މަސައްކަތް 2017 ވަނަ އަހަރުން ފެށިގެން އެންމެ ބޮޑަށް އިތުރުކޮށްފައި ވަނީ މިހާރު ކަމަށް އދ. އިން ބުނިތާ ދުވަސްކޮޅެއް ފަހުންނެވެ.

ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފް އަމަލަކަށް ވާއިރު މިކަން ކުށްވެރިކުރުން ފިޔަވައި އދ. އިން އެއްވެސް ކަމެއް ނުކުރެ އެވެ.

އިޒްރޭލުން 1967 އިން ފެށިގެން ހުޅަނގު އައްސޭރި ހިފައިގެން ތިބޭއިރު އެއީ ފަލަސްތީނުގެ ތިން މިލިއަނެއްހާ މީހުންގެ ވަޒަނެވެ. އެތަނުގައި އިޒްރޭލުގެ 500،000 މީހުން އުޅޭއިރު ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އެއީ ޣައިރު ގާނޫނީ އާބާދީތަކެކެވެ.