22 ޑިސެމްބަރ 2025 - 05:31

ސައޫދީ ސަރުކާރުގެ ނިންމުންތަކަށް ސިޔާސީ އަދި މާލީ ގޮތުން ނުފޫޒު ފޯރުވޭނެ ފަރާތްތަކާ ގުޅުން އޮންނަ ކަމަށް ބުނެ، ސައޫދީ ޝާހީ އާއިލާގެ މީހެއް ކަމަށް ހެދިގެން އެތައް ބަޔަކަށް ލަނޑު ދިން ލުބްނާން މީހަކު ހައްޔަރުކޮށްފި އެވެ.
"އަބޫ އުމަރު" ގެ ނަމުން މަޝްހޫރުވެފައިވާ މި މީހާ ސިފަކޮށްފައި ވަނީ ލުބްނާނުގެ ސިޔާސީ މައިދާނަށް ނުފޫޒު ފޯރުވުމުގެ ގާބިލްކަން ލިބިފައިވާ ސައުދީގެ އިސް އޮފިޝަލެއްގެ ގޮތުގަ އެވެ.
ލުބްނާންގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ އެ ގައުމުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ އަކީ ލުބްނާނުގެ ސުންނީ ދީނީ ލީޑަރެއް ކަމަށްވާ ޚަލްދޫން އަރަޔަމަތުއާ ގުޅިގެން އުޅުނު، އުތުރުގެ އަކާރް ސަރަހައްދަށް ނިސްބަތްވާ ލުބްނާން މީހެއް ކަމަށްވާ މުސްތަފާ އަލް ހެސިއަން އެވެ.
ލުބްނާނުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސައޫދ ޕްރިންސަކަށް ހެދިގެން އެ މީހާ ލުބްނާންގައި 2015 ވަނަ އަހަރުން ފެށިގެން އަންނަނީ އެކި ކަންކަން ކުރަމުންނެވެ.
ސައުދީގެ އިސް އޮފިޝަލުންނަށް ނުރަސްމީ ޗެނަލެއްގެ ގޮތުގައި "އަބޫ އުމަރު" ތައާރަފު ކޮށްދިނީ އަރަޔަމެތު ކަމަށްވެ އެވެ.
ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިތައް ކާމިޔާބުކޮށް، އަލުން ވެރިކަމަށް އައުމަށް ނުވަތަ ބޮޑުވަޒީރުކަމަށް އައުމަށް ސައުދީ ސަރުކާރުގެ ތާއީދު ހޯދައިދޭނެ ކަމަށް ބުނެ ވެސް މި މީހާ އެކި މީހުންނާ ގާތް ގުޅުންތައް ވަނީ ބާއްވައިފަ އެވެ. މި މީހުންގެ އަމާޒަކަށް ބޮޑަށް ހަދާފައިވަނީ ލުބްނާންގެ ސުންނީންގެ ތެރޭގައި އުޅޭ ސިޔާސީ ގޮތުން ކުރިއަށްދާން ބޭނުންވާ މުއްސަނދިންނެވެ. އަދި ހާއްސަކޮށް މީގެ ކުރިން ވެސް ސައޫދީން އެހީތެރިކަން ލިބޭ މީހުންނަށެވެ.
ލުބްނާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މަކަރާއި ހީލަތުގެ ޝިކާރައަކަށްވި މީހުންގެ ތެރޭގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު މިޝޭލް ފަރޫހް އާއި ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރު އަދި ލުބްނާންގެ ފެޑެރޭޝަން އޮފް ޗެމްބާސް އޮފް ކޮމާސް، އިންޑަސްޓްރީ އެންޑް އެގްރިކަލްޗާގެ ވެރިޔާ މުހައްމަދު ޗޯކައިރް އާއި ޕާލަމެންޓް މެމްބަރު ނަބީލް ބަދްރާއި ޣައްސާން ހަސްބާނީ އާއި ލުބްނާނުގެ ސިފައިންގެ ވެރިޔާ ސާމިރު ގެޖާ ފަދަ ބޭފުޅުން ހިމެނެ އެވެ.
ބައެއް މީހުން އަރަޔަމަތު އާއި އޭނާގެ ބައިވެރިންނަކީ ސައޫދީން ޔަގީންކަން ލިބިފައިވާ ބައެއްގެ ގޮތުގައި ބަލައިގެން، އެ މީހުން އެދުނު މާލީ އެހީތެރިކަން ވެސް ދީފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި މީހާ ހައްޔަރުކޮށްފައިވަނީ ސައޫދީން މި މައްސަލަ ލުބްނާންގެ ސަލާމަތީ ބާރުތަކުގެ ސަމާލުކަމަށް ގެނައުމާ އެކުގަ އެވެ.