21 ޑިސެމްބަރ 2025 - 20:02

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލީ އެހީތެރިކަން ފޯރުކޮށްދޭ ގޮތަށް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ދެމުން އަންނަ އަންނަ ސްޕޯޓްސް ސްކޮލަޝިޕް މި އަހަރު ވެސް ދޭން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މިއީ 2023 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އާއި އެމްއޯސީ ގުޅިގެން ރާއްޖޭގެ އެތުލީޓުންނަށް ދެމުން އަންނަ އެހީތެރިކަމެކެވެ.
ބީއެމްއެލް އިން ބުނީ މި ސްކޮލަޝިޕް ޕްރޮގްރާމުގެ އަމާޒަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ ކާމިޔާބެއް ހޯދުމުގައި އެހީތެރިވުން ކަމަށެވެ.
މި ސްކޮލަޝިޕަށް އެތުލީޓުން ހޮވުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ އެމްއޯސީ އިންނެވެ. ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު އެމްއޯސީގެ ހުރިހާ މެމްބަރު އެސޯސިއޭޝަންތަކަށް އޮންނާނެ އެވެ.
އެގޮތުން ހޮވޭ އެތުލީޓުންނަށް ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހެދުމުގެ ހަރަދު ބީއެމްއެލް އިން ހަމަޖައްސައިދޭނެ އެވެ.
މި ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މިއީ ރާއްޖޭގެ އެތުލީޓުންގެ ހުނަރު ތަރައްގީކޮށް ކުރިއެރުވުމަށް އެ ބޭންކުން ދޭ އަހައްމިޔަތުކަމުގެ ރަމްޒެއް ކަމަށެވެ.
"ދިވެހި އެތުލީޓުންނަށް މިއަދު މި ކުރެވޭ އިންވެސްޓްމެންޓަކީ ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު ހަރުދަނާކޮށް، ބައިނަލްއަގުވާމީ ކާމިޔާބީއަށް ވާސިލުވުމަށް ހުޅުވޭ ދޮރެއް،" އޭނާ ވިދާޅުވި އެވެ.
އެމްއޯސީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވެސް ވިދާޅުވީ މި އިންވެސްޓްމެންޓުން އެތުލީޓުންގެ ހުނަރު ތަރައްގީކޮށް އާ ފުރުސަތުތައް ހޯދައިދެވި، ރާއްޖޭގެ ކުޅިވަރުގެ ކުރިމަގުގައި ކާމިޔާބީ ހޯދުމަށް އެހީތެރިވެދެވޭނެ ކަމަށެވެ.
މި ސްކޮލަޝިޕް ދޭން ފެށިފަހުން މިހާތަނަށް 8 އެތުލީޓަކު ވަނީ ތަމްރީން ހަދައިފަ އެވެ.
ބީއެމްއެލް އިން އަންނަނީ ސްވިމިން، ޓެނިސް، ބާސްކެޓްބޯޅަ، އަދި ސާފިން އެސޯސިއޭޝަނާ އެކު ވެސް ޕާޓްނަޝިޕް މަސައްކަތް ކުރަމުންނެވެ.