22 ޑިސެމްބަރ 2025 - 05:32

އިންޑިއާގެ އޮޑިއްސާގައި، ފުލުހުންނަށް އެކި ކަންކަމުގައި އެހީވާ "ހޯމް ގާޑް" ގެ 187 ވަޒީފާއަށް ކުރިމަތިި 8،000 އަށް ވުރެ ގިނަ މީހުންނަށް ރަންވޭއެއްގައި އިށީނދެ ތިބެގެން އިމްތިހާން ކަރުދާސް ހަދަން ޖައްސައިފި އެވެ.
މި މަހުގެ 16 ވަނަ ދުވަހު މި މީހުން އިމްތިހާނު ހަދަން ތިއްބާ ނަގާފައިވާ ޑްރޯން ވީޑިއޯއަކަށް ވަނީ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފަ އެވެ. ވޮލަންޓަރީކޮށް، އަދި މަސައްކަތް ކޮށްފި ނަމަ އުޖޫރައެއް ލިބޭ މި ވަޒީފާއަށް ކުރިމަތިލި މީހުން އިށީންނަށް ގޮނޑިއެއް އަދި ސުވާލު ކަރުދާސް ބާއްވަން މޭޒެއް ވެސް ނެތުމުން ލިޔަން ޖެހުނީ ރަންވޭމަތީގައި ކަރުދާސް ބާއްވައިގެންނެވެ.
މިއީ ފަސް ވަނަ ކްލާހުގެ ފެންވަރު ހުންނަ މީހުންނަށް ކުރިމަތިލެވޭ ވަޒީފާއަކަށް ވިޔަސް 12 ނިންމާފައިވާ ވަރަށް ގިނަ ބަޔަކު އިމްތިހާނުގައި ބައިވެރިވި އެވެ.
އިދިކޮޅު ކޮންގްރެސް ޕާޓީން ބުނީ މިއީ ވަޒީފާ ނެތް މީހުންނާ މެދު ސަރުކާރުން ގެންގުޅޭ ގޮތް ސާފުވި ހާދިސާއެއް ކަމަށާއި އަދި ހާއްސަކޮށް މިއީ ޒުވާނުންނާ މެދު އަމަލުތައް ހުރި ގޮތް ކަމަށް އެ ޕާޓީން ބުންޏެވެ.
މަދު ބަޔަކު ނަގާ މި ވަޒީފާއަށް މިހާ ގިނަ ބަޔަކު ކުރިމަތިލުމުން، ވަޒީފާ ނެތް މީހުންގެ މައްސަލަ އޮތް ވަރު ހާމަވާއިރު، މި އިމްތިހާނު ހެއްދި ގޮތުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ފާޑުކިޔައިފަ އެވެ. އަދި މިއީ އިމްތިހާނެއް ހަދަން ތިބުމަށް ވުރެ ބޮޑަށް ވައްތަރީ އާންމު އެއްވުމަކާ ކަމަށް ވެސް މީހުން ބުނެފައިވެ އެވެ.