ވީއައިއޭ އަަށް ހިދުމަތްދޭ އެންމެ ބޮޑު އެއާލައިން އެމިރޭޓްސްގެ ހުރިހާ ހިދުމަތެއް އާ ޓާމިނަލަށް ބަދަލުކޮށްފި
ވީއައިއޭ އަަށް ހިދުމަތްދޭ އެންމެ ބޮޑު އެއާލައިން އެމިރޭޓްސްގެ ހުރިހާ ހިދުމަތެއް އާ ޓާމިނަލަށް ބަދަލުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ހިދުމަތްދޭ އެންމެ ބޮޑު އެއާލައިން، އެމިރޭޓްސްގެ ހިދުމަތްތައް އާ ޓާމިނަލުން ދޭން މިއަދު ފަށައިފި އެވެ.

މިއަދު ވަނީ އެ އެއާލައިނުން އައި ފަސިންޖަރުންނަށް މި އަހަރުގެ ޖުލައި 26 ގައި ހުޅުވި އާ ޓާމިނަލުން މަރުހަބާ ކިޔައިފަ އެވެ. އަދި ފަސިންޖަރުންނަށް ޗެކިން ކައުންޓަރުތަކުން ވެސް ހިދުމަތް ދީފަ އެވެ.

އެމިރޭޓްސްއަކީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި 37 އެއާލައިނެވެ.

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް ވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ. އެމްއޭސީއެލް އިން އަންނަނީ އެ އެއާޕޯޓުން ހިދުމަތް ދެމުން އަންނަ ހުރިހާ އެއާލައިންތަކެއްގެ ހިދުމަތް އާ ޓާމިނަލަށް ބަދަލުކުރަމުންނެވެ.

އެމްއޭސީއެލް އިން ބުނީ، ގަތަރު އެއާލައިންގެ ހިދުމަތްތައް ވެސް އާ ޓާމިނަލަށް މާދަމާ ބަދަލުކުރުމުން، އެ އެއާޕޯޓުން ހިދުމަތްދޭ ބޮޑެތި ހުރިހާ އެއާލައިނެއްގެ ހިދުމަތްތައް އެ ޓާމިނަލަށް ބަދަލުވާނެ ކަމަށެވެ. ހުރިހާ އެއާލައިނެއްގެ ހިދުމަތް ގާތްގަނޑަކަށް އާ ޓާމިނަލަށް ބަދަލުވި އިރު، މިއީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ވެސް އަންނަމުންދާ ދުވަސްވަރެވެ.

އާ ޓާމިނަލް ހެދުމަށް 457 މިލިއަން ޑޮލަރު (7 ބިލިއަން ރުފިޔާ) ހޭދަކޮށްފައިވެ އެވެ. އެ ޓާމިނަލްގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2016 ވަނަ އަހަރު އެވެ. އެކަމަކު އެކި ސަބަބުތަކާ ހެދި ޓާމިނަލްގެ މަސައްކަތްތައް ލަސްވި އެވެ. އާ ޓާމިނަލުގެ ހިދުމަތް ދޭން ފެށީ މިދިޔަ ޖުލައި މަހު އެވެ. އެ ޓާމިނަލުން އެންމެ ފުރަތަމަ ހިދުމަތްދޭން ފެށީ މޯލްޑިވިއަން އެއާލައިންގެ ފަސިންޖަރުންނަށެވެ.

އެ ތަނުގައި 47 ޗެކިން ކައުންޓަރު ހުންނާނެ އެވެ. އަދި ސެލްފް ޗެކިން ހަ ކިއޯސްކް ވަނީ ގާއިމްކޮށްފަ އެވެ. އޭގެ އިތުރަށް ވެސް، ހިދުމަތް ދިނުމުގައި ކުރީގެ ޓާމިނަލަށް ވުރެ 30 ޕަސެންޓަށް ވުރެ އަވަސް ވާނެ އެވެ.