21 ޑިސެމްބަރ 2025 - 10:57

އެމްއެންޔޫގައި ކިޔަވާ ދަރިވަރުންގެ އުފެއްދުންތެރިކަމާއި ވިޔަފާރީގެ ހުނަރު އިތުރުކުރަން "އެމްއެންޔޫ އިނޮވޭޓް ހަބް ޕަވާޑް ބައި ދިރާގު"ގެ އިންކިއުބޭޓާ ޕްރޮގްރާމެއް ތައާރަފްކޮށްފި އެވެ.
މިއީ، އެމްއެންޔޫ އާއި ދިރާގާ ދެމެދު ގާއިމްކުރި ޕާޓްނާޝިޕެއްގެ ދަށުން އިފްތިތާހްކުރި ޕްރޮގްރާމެކެވެ. މި ސްޓްރެޓީޖިކް ޕާޓްނަޝިޕް ރަސްމީކޮށް އިފްތިތާހު ކުރީ އެމްއެންޔޫގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ. މިއީ ޒުވާނުން ކުރިއަށް ނެރެ، ޒުވާނުންގެ އުފެއްދުންތެރިކަމަށް ހިތްވަރުދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ޔުނިވާސިޓީން ސިފަކުރެ އެވެ.
އެމްއެންޔޫ އިނޮވޭޓް ހަބް ޕަވާޑް ބައި ދިރާގު"ގެ ނަމުގައި ތައާރަފްކުރި ޕްރޮގްރާމް ހިންގަން ގާއިމްކުރި ޕާޓްނާޝިޕުގެ ދަށުން ދިރާގުން މި ޕްރޮގްރާމަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި މެންޓާޝިޕް ދިނުމާއި، ޕިޗް އިވެންޓްތަކުގައި ޖަޖުންގެ ގޮތުގައި ބައިވެރިވުމާއި، އިންކިއުބޭޝަންގެ މަރުހަލާތަކުގައި ބޭނުންކުރުމަށް ދިރާގު ހައި ސްޕީޑް ފައިބާ އިންޓަނެޓް ފޯރުކޮށްދިނުން ހިމެނެ އެވެ.
މި ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ އީޖާދީ ހިޔާލުތައް އަމަލީ ގޮތުން ބޭނުންކުރެވޭ ދެމެހެއްޓިނިވި ހައްލުތަކަކަށް ބަދަލުކުރުމަށް އެހީތެރިވެދިނުމަށެވެ. އޭގެތެރޭގައި ހިޔާލު އުފެއްދުން، މެންޓާޝިޕާއި ހުނަރު ތަރައްގީކުރުމާއި، ވެލިޑޭޝަން އަދި ދަރިވަރުންގެ އީޖާދީ ހިޔާލު ތަރައްގީކޮށް މާކެޓް ރެޑީ ސޮލިއުޝަން ތައްޔާރުކުރުން ހިމެނެ އެވެ.
މި ޕްރޮގްރާމަކީ ސްޓްރެޓީޖިކް ލަނޑުދަނޑިތަކާއި ޔުނައިޓެޑް ނޭޝަންސްގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި އެއްގޮތުގެ މަތިން ޒިންމާދާރުކަމާއި ދެމެހެއްޓެނިވި ގޮތެއްގައި އީޖާދުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕާޓްނާޝިފަކީ ދިރާގުން ޒުވާނުން ބާރުވެރި ކުރުވުމަށާއި، ޑިޖިޓަލް އީޖާދުތައް ކުރިއެރުވުމަށާއި، ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމަށް ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެ އެވެ. ދިރާގުގެ އަމާޒަކީ މުސްތަގުބަލަށް ތައްޔާރުވެފައިވާ ހުނަރުވެރިން ތަރައްގީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ގައުމީ ތަރައްގީއަށް އެހީތެރިވެދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.