މިފަހަރުގެ ކައުންސިލް އިންތިހާބުގައި 550 މެމްބަރުން މަދުވާނެ
މިފަހަރުގެ ކައުންސިލް އިންތިހާބުގައި 550 މެމްބަރުން މަދުވާނެ

އަންނަ އަހަރު އިންތިހާބުކުރާ ލޯކަލް ކައުންސިލްތަކުގެ ކައުންސިލަރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ އެކު 2020ގެ އިންތިހާބަށް ވުރެ މި އިންތިހާބުގައި 550 މެމްބަރުން މަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ކުރިން ގާނޫނު އޮންނަ ގޮތުން 3،000 އަށް ވުރެ މަދު އާބާދީތަކަށް ފަސް ކައުންސިލަރުން އަދި އެއަށް ވުރެ ގިނަ އާބާދީތަކަށް ހަތް ކައުންސިލަރުން ހޮވަން ޖެހެ އެވެ. އެކަމަކު ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މަޖިލީހަށް ހުށަހެޅި އިސްލާހު ފާސްކޮށް، ތަސްދީގުކޮށްފައިވާއިރު އޭގައިވާ ގޮތުން 2،000 މީހުންނަށް ވުރެ ދަށް އާބާދީތަކަށް ދެން ހޮވާނީ ތިން ކައުންސިލަރުންނެވެ.

އެއަށް ވުރެ މަތީގެ އާބާދީގެ ރަށްތަކަށް ހޮވާނީ ފަސް ކައުންސިލަރުންނެވެ. މީގެތެރެއިން ތިން ކައުންސިލަރުން ހޮވާ ކައުންސިލްތަކަށް އަންހެން ކައުންސިލަރެއް އަދި ފަސް ކައުންސިލަރުން ހޮވާ ކައުންސިލްތަކަށް އަންހެން ދެ ކައުންސިލަރުން ހޮވުން ލާޒިމެވެ.

އެއާއެކު އަންނަ އޭޕްރީލް މަހުގެ 4 ގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލު އިންތިހާބުގައި ހޮވާނީ 681 މީހުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މުޅި ރާއްޖެއިން ހޮވާނީ 681 މީހުންނެވެ. އެއާ އެކު ދެ އިންތިހާބުގައި ޖުމްލަ ހޮވަން ޖެހޭނީ، 1362 މީހުންނެވެ.

މި ގެނައި ބަދަލުގެ ސަބަބުން 2020 ގައި ބޭއްވި ލޯކަލް ކައުންސިލު އިންތިހާބާ އަޅާބަލާއިރު އަންނަ އަހަރުގެ އިންތިހާބުގައި ވާދަކުރާ މީހުންގެ އަދަދު 550 މީހުން މަދުވާނެ އެވެ. އޭގެ ތެެރެއިން ކައުންސިލް އިންތިހާބަށް ހޮވާ މީހުންގެ އަދަދުން 301 މީހުން މަދުވާނެ އެވެ.

- ލޯކަލް ކައުންސިލު އިންތިހާބަށް 982 މީހުން ހޮވި.

- އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 930 މީހުން ހޮވި.

- ދެ އިންތިހާބަށް ޖުމްލަ 1912 މީހުން އިންތިހާބުކުރި.

ކައުންސިލްތަކަށް ގެެނެސްފައިވާ ބަދަލުގެ ދަށުން މާލެ ސިޓީ ކައުންސިލަށް ހޮވަން ޖެހޭނީ 16 މެމްބަރުންނެވެ. މާލެ ސިޓީ ކައުންސިލްގައި މިހާރު ތިބެނީ 19 ކައުންސިލަރުންނެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގައި މޭޔަރުގެ އިތުރުން 8 މެންބަރުން ތިބޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ. ފުވައްމުލަކަށް އެ އަދަދު ކަނޑައަޅާފައިވަނީ އެ ސިޓީއަކީ 8 އަވަށެއްގެ މައްޗަށް އެކުލެވޭ ސިޓީއެއް ކަމަށް ވާތީ ކަމަށް އިސްލާހުގައިވެ އެވެ.

އައްޑޫ ސިޓީ ކައުންސިލާއި ތިނަދޫ ސިޓީ ކައުންސިލް އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކައުންސިލަރުންގެ އަދަދު އިސްލާހުގައި ކަނޑައަޅާފައި ނެތް ނަމަވެސް، އާބާދީގެ ނިސްބަތުން ދެން އެކުލަވާ ސިޓީ ކައުންސިލެއްގައި އެއިން ކޮންމެ ސިޓީއެއް ވެސް އެކުލަވާލަން ޖެހޭނީ މޭޔަރާ އެކު ހަތް ކައުންސިލަރުންގެ މައްޗަށެވެ.