21 ޑިސެމްބަރ 2025 - 09:00

އިންޑިއާގެ ޓެސްޓް ޓީމާއި، ވަންޑޭ އިންޓަނޭޝަނަލް ޓީމުގެ ކެޕްޓަން ޝުބްމަން ގިލް އަށް ކުރިއަށް އޮތް ޓީޓްވެންޓީ ކްރިކެޓް ވޯލްޑް ކަޕުގެ ސްކޮޑުން ފުރުސަތު ނުދޭން ސިލެކްޓަރުން ނިންމައިފި އެވެ.
އަންނަ ފެބްރުއަރީ މަހު އޮންނަ މުބާރާތުގެ ސްކޮޑުން އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ ނުހިމެނީ އޭނާގެ ފޯމު ދަށްވުމުން ކަމަށް ޗީފް ސިލެކްޓަރު އަޖިތު އަގަރްކަރް ބުންޏެވެ.
މިދިޔަ 15 މެޗުން އޭނާ އަށް ހެދުނީ އެންމެ 291 ލަނޑެވެ. އެކަމަކު ފޯމު ދަށްވުމުގެ ސަބަބުން ފާޑުކިއުން އަމާޒުވެފައިވާ ކެޕްޓަން ސޫޔަކުމާރު ޔާދަވް އަށް ވަނީ ސްކޮޑުން ޖާގަ ދީފަ އެވެ. އެންމެ ފަހުގެ 22 އިނިންގްސްގައި އޭނާ އަށް ހެދުނީ 244 ލަނޑެވެ.
"ވޯލްޑް ކަޕުގައި އަހަރެމެންގެ ކެޕްޓަން މޮޅަށް ކުޅޭނެ ކަމާ މެދު ފުރިހަމަ އިތުބާރު އެބަޮތް،" އަޖިތު ބުންޏެވެ.
ސޫޔަކުމާރު ވަނީ އޭނާގެ ފޯމު ދަށްކަމަށް އެއްބަސްވެ، ވޯލްޑް ކަޕުގެ ކުރިން އެކަން ރަނގަޅުކުރާނެ ކަމަށް ބުނެފަ އެވެ.
"އަހަންނަށް އެނގޭ ކުރަން ޖެހޭ ކަންކަން. އެކަން ކުރަން ވަގުތު އެބައޮތް،"
އިންޑިއާ ޓީމުގައި ހިމެނޭ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ހަރްދިކް ޕަންޑަޔާ، ޖަސްޕްރީތު ބުމްރާ އަދި ކުލްދީޕް ޔާދަވް ފާހަގަކޮށްލެވެ އެެވެ.
ޓީޓްވެންޓީ ވޯލްޑް ކަޕް އޮންނާނީ ފެބްރުއަރީ 7 އިން މާޗު 8 އަށް އިންޑިއާ އާއި ސްރީ ލަންކާގަ އެވެ. ފައިނަލުގައި އިންޑިއާ ކުޅޭ ނަމަ އެ މެޗު އޮންނާނީ އަހުމަދުއާބާދުގެ ނަރެންދުރާ މޯދީ ސްޓޭޑިއަމުގަ އެވެ. އަދި ލަންކާ ފައިނަލުގައި ކުޅޭ ނަމަ އެ މެޗު އޮންނާނީ ކޮލަމްބޯގެ ޕްރަމަދާސާ ސްޓޭޑިއަމުގަ އެވެ.