21 ޑިސެމްބަރ 2025 - 08:37

ސަރުކާރުން ކުނި މެނޭޖްކުރުމަށް އުފައްދާފައިވާ ވެމްކޯއަށް މިދިޔަ އަހަރު 138 މިލިއަން ރުފިޔާގެ ގެއްލުންވެއްޖެ އެވެ.
ޕީސީބީން އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ހަތަރު ކުއާޓާގައި ވެސް އެ ކުންފުންޏަށް ވަނީ ގެއްލުންވެފަ އެވެ. އެންމެ ބޮޑު ގެއްލުމެއް ވީ މިދިޔަ އަހަރުގެ ފަހު ކުއާޓާގަ އެވެ. އެއީ 55 މިލިއަން ރުފިޔާގެ ގެއްލުމެކެވެ.
މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ގެއްލުމަކީ އޭގެ ކުރީ އަހަރަށް ވުރެ 126 ޕަސެންޓް އިތުރު އަދަދެކެވެ. އެ ކުންފުންޏަށް 2023 ވަނަ އަހަރު، 61 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވެ އެވެ. އަދި އެ ކުންފުނިން 2022 ވަނަ އަހަރު ވެސް ނިންމާލީ 93 މިލިއަންގެ ގެއްލުމާ އެކު އެވެ.
އެ ކުންފުނީގެ ގެއްލުން އެހާ ބޮޑަށް އިތުރުވީ ހިންގުމުގެ ހަރަދުތައް އިތުރުވުމުގެ ސަބަބުންނެވެ. ވެމްކޯގައި ގާތްގަނޑަކަށް 2،000 މުވައްޒަފުން މަސައްކަތް ކުރެ އެވެ.
ވެމްކޯ އުފެއްދީ 2009 ވަނަ އަހަރު އެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ ހުރިހާ ޒިންމާއެއް އަދާކުރަމުން އަންނަނީ އެ ކުންފުނިންނެވެ.
ވެމްކޯ އަކީ ޔޫޓިލިޓީ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އެއް އާމްދަނީއެއް ވެސް ވަންނަ އެއް ކުންފުންޏެވެ. މިދިޔަ އަހަރު ވެސް އެކުންފުންޏަށް 467 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތައް ހިންގަމުން އަންނަނީ ގެއްލުމުގަ އެވެ. މިއަހަރުގެ ފުރަތަމަ ކުއާޓާގައި ކުންފުނިތަކުން ލިބުނު ގެއްލުން 200 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރަ އެވެ.