ފޮތް ޗާޕުކުރުމަށް ސަރުކާރުން ލުއިގޮތްތަކެއް ހަމަޖައްސައިދޭނަން: ރައީސް
ފޮތް ޗާޕުކުރުމަށް ސަރުކާރުން ލުއިގޮތްތަކެއް ހަމަޖައްސައިދޭނަން: ރައީސް

ފޮތް ޗާޕުކުރުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން ދިމާވާ ދަތިތައް ކުޑަކޮށްދިނުމަށް ފޮތް ޗާޕުކުރުމަށް ސަރުކާރުން ލުއިގޮތްތަކެއް ހަމަޖައްސައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ދިވެހިބަހާ ބެހޭ މިނިސްޓްރީން މި އަހަރު ކުރިއަށް ގެންދިޔަ އަދަބީ މުބާރާތްތަކާއި އަތުލިޔުން މުބާރާތުގެ އިނާމުދިނުމަށް ހުޅުމާލެ 2 ގައި ހުންނަ ސަލާހުއްދީން ސްކޫލް ހޯލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ދިވެހީން ދިވެހިންނަށް ވަނީ ދިވެހިބަހުގެ ސަބަބުން ކަމަށާއި ދިވެހިބަސް އެއް ޖީލުން އަނެއް ޖީލަށް ރައްކާތެރިކަމާ އެކު، ފޯރުކޮށްދޭން އޮތް ފުރުސަތަށް ބަލާއިރު، ކުޑަކުދީން ކިޔާނެ ދިވެހި ފޮތްތައް ބޭނުންވާ ކަމަށެވެ.

ރައީސް ވިދާޅުވީ ކުޑަކުދީންނަށާއި ޒުވާނުންނަށް އަދި އެނޫން ވެސް ފަރާތްތަކަށް ބޭނުންވާ ދިވެހިބަހުގެ ފޮތްތައް ލިޔަން ބޭނުންވާ އަދި މިހާރު ވެސް އެ މަސައްކަތްކުރާ ގިނަ ބަޔަކު އެބަ ތިބި ކަމަށެވެ. ނަމަވެސް ފޮތް ޗާޕުކުރުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން އެ މަސައްކަތަށް ވަރަށް ބޮޑެތި ހުރަސްތައް އެބަހުރި ކަމުގެ ކަންބޮޑުވުން އެމީހުން ފާޅުކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއީ ގައުމީ މައްސަލައެއް. މިއީ އަޅުގަނޑު އަޅާނުލައި ދޫކޮށްލާނެކަމެއް ނޫން. އަޅުގަނޑުމެންގެ ޅަދަރީންނަށާއި ޒުވާނުންނަށް އަޅުގަނޑުމެންގެ ދިވެހި މާދަރީ ބަސް ފޯރާނެ މަގުތައް ތަނަވަސްވެފައި އޮންނަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

"ވީމާ ދިވެހިބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކާ ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕުކުރުމުގައި ކުރިޔަށް އޮތް ތާނގައި ހާއްސަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސައިދޭނަން."

ރައީސް ވިދާޅުވީ ދިވެހި ތަރިކައިގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައަށް ހާއްސަ މިނިސްޓްރީއެއް އުފެއްދީ އެ ބޭނުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

އަދަބިއްޔާތަކީ ގައުމެއްގެ ތަރިކައިގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ބަހާއެއް ކަމަށާއި ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމަކީ ގައުމެއް ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާނެ އަސާސީ ދެ ހުނަރު ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެ ދެ ފަންނު އުފެދެނީ ސަގާފަތާއި ތަރިކައިގެ ތެރޭންނެވެ. އެހެންވީމާ، ގައުމެއް ކުރިއަރައި ދިޔުމުގައި އެ ބައެއްގެ ސަގާފަތް އިސްލާހުވާން ޖެހެ އެވެ. އެ ބައެއްގެ ތަރިކައަށް އިހުތިރާމުކުރަން ޖެހެ އެވެ. އަދި، އެއާ އެކު، އެ ބައެއްގެ ފިކުރާއި ހިޔާލުތައް ފުންވެ އުފެއްދުންތެރި، އަހުލާގު ރަނގަޅު ހަރުދަނާ ބަޔަކަށް ވާން ޖެހެ އެވެ. މުޖުތަމައު އަށް ބޭނުންވާ ހަމަޖެހުމާއި ތަރައްގީ އަދި ރައްކާތެރިކަން ލިބޭނީ އޭރުންނެވެ.