21 ޑިސެމްބަރ 2025 - 01:14

ރާއްޖޭގައި ކުޑަކުދިން ބަލާނެ ކާޓޫނު ފިލްމާއި ގައުމީ އެކި ހާދިސާތަކުގެ ފިލްމު ނެތުމުން އެ ކަންބޮޑުވުމަށް ދެމެހެއްޓެނިވި ހައްލެއް ގެނައުމަށް ކުޑަކުދިންނަށް ހާއްސަ ކުދި ފިލްމުތައް އުފެއްދުމުގެ ގައުމީ މުބާރާތެއް އަންނަ އަހަރު ބާއްވަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސްގެ އެ ނިންމެވުން އިއުލާންކުރެއްވީ ދިވެހިބަހާ ބެހޭ މިނިސްޓްރީން މި އަހަރު ކުރިއަށް ގެންދިޔަ އަދަބީ މުބާރާތްތަކާއި އަތުލިޔުން މުބާރާތުގެ އިނާމުދިނުމަށް ހުޅުމާލެ 2 ގައި ހުންނަ ސަލާހުއްދީން ސްކޫލް ހޯލުގައި ރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ދިވެހިބަހާއި ސަގާފަތާއި ތަރިކަ އާއި ތާރީހު ކުޑަކުދިންނަށް އުނގަންނާދިނުމުގައި ޒަމާނީ ގޮތްތައް ލިބިގަތުން މުހިންމު ކަމަށެވެ. ބަސް ދަސްކޮށްދިނުމަކީ ހަމައެކަނި ލިޔެފައިވާ ފިލާވަޅުތަކަކަށް ހަނިކުރެވިފައި އޮތުމުގެ ބަދަލުގައި، ދުނިޔޭގެ އެހެނިހެން ބަސްތައް ދަސްކޮށްދޭން ވެސް ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް އާ ގޮތްތައް އުފައްދަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެ ގޮތުން ބަލާއިރު ރާއްޖޭގައި ކުޑަކުދިން ބަލާނެ ކާޓޫނު ފިލްމު، ގައުމީ އެކި ހާދިސާތަކުގެ ފިލްމު ނެތުން އެއީ ބައެއް ބޭފުޅުން ފާހަގަކުރައްވާ ކަމެއް. ވަކިން ހާއްސަކޮށް ރާއްޖޭން ބޭރުގައި އުޅުއްވާ ދިވެހި އާއިލާތަކާއި ރާއްޖޭގައި ވެސް ބެލެނިވެރީން އޮފީހުގައި ގިނަ ވަގުތު ހޭދަކުރައްވަން ޖެހިވަޑައިގަންނަވާ ހާލަތްތަކުގައި ކުޑަކުދިންނަށް ފައިދާހުރި ވަގުތުތަކަށް އެ ވަގުތުތައް ބަދަލުކޮށްލައްވަން ބެލެނިވެރީން ބޭނުންފުޅުވޭ،" ރައީސް ވިދާޅުވި އެވެ.
ނަމަވެސް، އެފަދަ ވަގުތަކު ވެސް ކުޑަކުއްޖަކަށް ދައްކާލެވޭނެ ވީޑިއޯ ނުވަތަ ގޭމް ކަހަލަ ތަކެތި ނެތް ކަމުގެ ކަންބޮޑުވުން ވަރަށް ގިނަ ބެލެނިވެރިން ފާޅުކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުންވަނީ މި ބޮޑު ގައުމީ އުދާސްތަކަށް ހައްލެއް ގެންނަން. އެހެންވީމާ، އަންނަ އަހަރު ބަހާއި ސަގާފަތާއި ތާރީހާއި ތަރިކައިގެ ދާއިރާއިން ކުޑަ ކުދީންނަށް ހާއްސަ ކުދި ފިލްމުތައް އުފެއްދުމުގެ ގައުމީ މުބާރާތެއް ބޮޑެތި އިނާމުތަކާ އެކު ހުޅުވާލާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ގަބޫލުފުކުރައްވާ ގޮތުގައި، ދިވެހި ތާނައަކީ ދިވެހީންގެ ފަހުރެކެވެ. ދިވެހީންގެ އަމިއްލަ މާދަރީ ބަހެއް އޮންނަ ފަދައިން ދިވެހީންގެ އަމިއްލަ އަކުރެއް އޮތުމަކީ އެއީ ވަރަށް ބޮޑު ޝަރަފެކެވެ. އަދި ގައުމެއްގެ ނިސްބަތުން ބަލާއިރު، އަމިއްލަ އަކުރެއް އޮތުމަކީ އެ ގައުމެއްގެ ސަގާފީ ސިޔާދަތު އެތައް ގުނަޔަކަށް މަތިވެގެންދާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ސަބަބަށްޓަކާ އަންނަ އަހަރުން ފެށިގެން ދިވެހި ތާނައިގެ އަތުލިޔުމުގެ މުބާރާތަކީ ގައުމީ ފެންވަރުގައި ވަޒަންކުރެވޭ، ގައުމީ މުބާރާތެއްގެ ގޮތުގައި ކުރިޔަށް ގެންދަން ކަނޑައަޅުއްވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.