20 ޑިސެމްބަރ 2025 - 21:45

ކ. ގުރައިދޫ ބޭރުން ކަނޑުމަތިން ފެނުނު ކިނބުލެއް "ރާއްޖެ ނާދެވޭ ގޮތަށް" ދޫކޮށްލުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ކިނބޫ ފެނުނީ ގުރައިދޫގެ ހުޅަނގު ދެކުނުން 1.5 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އެ ކިނބޫ ފެނިގެން ކޯސްޓްގާޑަށް ރިޕޯޓްކުރީ "ރަންމުތް" ކިޔާ ދޯންޏަކުން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
"ރަންމުތް" ދޯނީގެ ފަޅުވެރިން ހިފި އެ ކިނބުލުގެ ދިގުމިނުގައި ހަ ފުޓޫ ހުރި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ސިފައިންގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ އެ ކިނބޫ ރާއްޖެ ނާދެވޭ ގޮތަށް، ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ބޭރަށް ދޫކޮށްލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިދިޔަ އެޕްރީލް މަހު ވެސް ރާއްޖެ ސަރަހައްދަށް ވަދެ އުޅުނު ކިނބުލެއް ހިފި އެވެ. އެ ފަހަރު ކިނބޫ ފެނުނީ މާލެ އަތޮޅުގައި ހިންގާ "ވަރު ބައި އެޓްމޮސްފިޔާ" ރިސޯޓު ކައިރިންނެވެ.
ކިނބުލަކީ ރާއްޖޭގައި އާންމުކޮށް އުޅޭ އެއްޗެއް ނޫނަސް، ދޭތެރެދޭތެރެއިން ރާއްޖޭގެ ރަށްރަށުން ފެނެ އެވެ. މިހެން ފެންނަ ކިނބޫ ހިފުމަށް ފަހު ދޫކޮށްލަނީ ރާއްޖެ އަށް ނާދެވޭ ހިސާބަށް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެގޮތަށް ނާދެވޭ ހިސާބަށް ދޫކޮށްލާއިރު ރާއްޖޭގެ އޮއިވަރު ފަދަ ކަންކަމަށް ބަލަ އެވެ.