20 ޑިސެމްބަރ 2025 - 19:58

ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުން ފްރާންސްގެ ގައުމީ އެއާލައިން, އެއާ ފްރާންސަށް ހިދުމަތް ދޭން ފަށައިފި އެވެ.
މިއީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި 34 އެއާލައިނެވެ. އެމްއޭސީއެލް އިން ބުނީ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް ވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ
ޓާމިނަލް 1 އިން އެއާ ފްރާންސަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަންޓާ އޭވިއޭޝަންގެ ޑެޕިއުޓީ ސީއީއޯ އަދި އެކައުންޓަބަލް މެނޭޖަރު އަހުމަދު މައުމޫނެވެ.
ޓާމިނަލް 1 އިން އެއާ ފްރާންސަަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 51 ފަސިންޖަރުންނަށް ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރިކުރި އެއާ ފްރާންސްގެ ފުރަތަމަ ފްލައިޓް, އޭއެފް268 އިން ރާއްޖެ އައި 332 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާ އެކު ހޫނު މަރުހަބާއެއް ކިޔައިފައިވެ އެވެ.
އެއާ ފްރާންސް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ފްރާންސްގެ ފުރަތަމަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ ނޮވެންބަރު 2، 2017ގަ އެވެ.