20 ޑިސެމްބަރ 2025 - 15:21

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ނުރައްކާ އޮތުމުން އެކަމަށް ސަމާލުވާން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ( އެންޑީއެމްއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖީ ސާވިސް (މެޓް އޮފީހުން) ނެރުނު އެލާޓްގައި ލަފާކޮށްފައިވާ ގޮތުގައި ޅ.އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މިއަދު ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ އެވެ. އެ ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އެލާޓްގައި ލަފާކޮށްފައިވެ އެވެ.
އެންޑީއެމްއޭ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމުވެ ސަބަބުން ފެންބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް މެޓް އޮފީހުން މައުލޫމާތު ދީފައިވާ ކަމަށާއި ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރަން ދުރާލައި ފިޔަަވަޅު އަޅަން އިލްތިމާސްކުރާ ކަމަށެވެ.
ގޭތެރޭގައި ފެންބޮޑުވެއްޖެ ނަމަ ގެއްލުންވާނެ ފަދަ ތަކެތި، ފެނުގެ އަސަރު ނުކުރާ ފަދަ ތަނަކަށް ބަދަލުކުރަން ވެސް އެންޑީއެމްއޭގެ ޕޯސްޓްގައި އިލްތިމާސްކުރި އެވެ.
މޫސުން ލަފާކުރާ އެޕްލިކޭޝަންތަކުގެ މައުލޫމާތު ތަކުން ދައްކާ ގޮތުގައި މިރޭ އާއި މާދަމާ ވެސް މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވެ އެވެ.