03 އެޕްރީލް 2017 - 08:16

މަޝްހޫރު އެކްޓަރު އަލީ ސީޒަން ސްރީ ލަންކާގައި ދެ އަހަރު ދުވަހުގެ ފިލްމް މޭކިން ކޯހެއް ހަދަމުން ސިންގަޅަ ފިލްމެއްގެ މަސައްކަތް ވެސް ވަނީ ކޮށްފަ އެވެ. މިއީ "ކައުޝީ" ގެ ނަމުގައި، ލަންކާގެ އެކްޓަރުން ބައިވެރިކޮށްގެން ހަދާ ލޯބީގެ ބިރުވެރި ފިލްމެކެވެ.
ދިވެހި ފިލްމުތަކާއި ލަވަތަކުން ބެލުންތެރިންގެ ލޯބި ހޯދި ސީޒަން މިފަހަރު ދައްކާލަނީ ސިންގަޅަ ބަހުން ކިޔާފައިވާ ލަވައެކެވެ. ލަވައިގައި އޭނާ ފެންނަނީ ވެސް ލަންކާގެ ބަތަލާއަކާ އެކުގަ އެވެ. އެއީ ޓީނާ އެވެ.
ލޯބީގެ ވާހަކަތަކެއް ކިޔައިދޭ މި ލަވަ ބަލާލަމާ ހިނގާށެވެ.
އެކަމަކު މި ލަވަ ކިޔާފައި ވަނީ ލަންކާ މީހެއް ނޫނެވެ. ދިވެހިން ދަންނަ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަބްދުލް ހަންނާން މޫސާދީދީ އެވެ.
ހަންނާންގެ އަޑުން ސިންގަޅަ ބަހުން ކިޔާފައިވާ މި ލަވައިގެ މޭކަޕް ހަދައި، ޑައިރެކްޓްކޮށްފައި ވަނީ އޭނާގެ އަންހެނުން ފީރޯޒް އައިސްތު އެވެ. އޭނާއަކީ ވެސް ޑައިރެކްޝަނަށް އާ މީހެއް ނޫނެވެ. އައިސްތު މީގެ ކުރިން ވަނީ "ކުށްވެރިޔަކީ ކާކުހޭ" ގެ ނަމުގައި ލަންކާގައި ފިލްމެއް ވެސް ޑައިރެކްޓްކޮށްފަ އެވެ.
ލަވައިގެ ބަތަލާ ފިޔަވައި، މީގައި ދެން ހުރީ ދިވެހިންގެ މަސައްކަތެވެ. ކެމެރާކޮށްފައި ވަނީ އަލީ ރަޝީދު (ގޮޅާ) އެވެ.
ލަންކާގައި އުޅެމުން ސީޒަން ވަނީ ދާދި ފަހުން ރާއްޖެ އައިސް ފީޗާ ފިލްމެއްގެ މަސައްކަތް ވެސްކޮށްފަ އެވެ.
ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކުރާ "ނޯޓީ 40" ގައި ސީޒަން ފެނިގެން ދާނީ ފުލުހެއްގެ ރޯލުންނެވެ. މި ފިލްމް ސިނަމާ އަށް އަންނާނީ އަންނަ އޮގަސްޓް ދޭއްގަ އެވެ.