20 ޑިސެމްބަރ 2025 - 11:48

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަރަނި 37 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މިއަހަރުގެ ފުރަތަމަ ކުއާޓާގެ ހިސާބުތަކުން ދައްކާ ގޮތުން އެންމެ ބޮޑު ދަރަންޏެއް އޮތީ އެމްއޭސީއެލްގަ އެވެ. އެ ކުންފުނީގެ ދަރަނި 13 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި އެޗްޑީސީގެ ދަރަނި 9.3 ބިލިއަން ރުފިޔާއަށް އަރަ އެވެ.
އެއީ މިދިޔަ އަހަރުގެ ފަހު ކުއާޓާއަށް ވުރެ ދެ ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ކުންފުނިތަކުގެ ދަރަނި ހުރީ 35 ބިލިއަން ރުފިޔާގަ އެވެ. ދަރަނި އެހާ ބޮޑަށް އިތުރުވެފައިވަނީ އެ މުއްދަތުގައި އެސްޓީއޯ އާއި އެމްއޭސީއެލްގެ ދަރަނި އިތުރުވެފައިވާތީ އެވެ. އެސްޓީއޯގެ ދަރަނި ވަނީ 983 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އެއީ 25 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި އެމްއޭސީއެލްގެ ދަރަނި ވަނީ 1.2 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އަދި ފަހިދިރިއުޅުން ކޯޕަރޭޝަންގެ ދަރަނި ވެސް ވަނީ 900 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު ދަރަންޏެއް އޮތީ އެޗްޑީސީގަ އެވެ. އެ ކުންފުނީގެ ދަރަނި ހުރީ 9.3 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް އެކުންފުނީގެ ދަރަނި ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓާއަށް ވުރެ ފަސް ޕަސެންޓު ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެކުންފުނީގެ ދަރަނި ހުރީ 9.8 ބިލިއަން ރުފިޔާގަ އެވެ.
ކުންފުނިތަކުގެ ދަރަނި އިތުރުވި އިރު ފުރަތަމަ ކުއާޓާގައި ކުންފުނިތަކުގެ އާމްދަނީ ވަނީ ނުވަ ޕަސެންޓަށް ދަށްވެފަ އެވެ. ނަމަވެސް ކުންފުނިތަކުގެ ފައިދާ 10 ޕަސެންޓް އިތުރުވެފައިވެ އެވެ.