ނިއުގެ ވަރުގަދަ ސްކޮޑަށް މި ފަހަރު ވިކްޓަރީ "ލަނޑު" ދީފި!
ނިއުގެ ވަރުގަދަ ސްކޮޑަށް މި ފަހަރު ވިކްޓަރީ "ލަނޑު" ދީފި!

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވިކްޓަރީ ސްޕޯޓްސް ކްލަބުން ފަހަތުން އަރައި 3-1 އިން ނިއު ރޭޑިއަންޓް ބަލިކޮށްފި އެވެ.

ލީގުގެ ފުރަތަމަ ބުރުގައި ނިއު އާއި ވިކްޓަރީ ބައްދަލުކުރި މެޗަކީ، ވިކްޓަރީގެ ކޯޗުކަމާ ހަވާލުވެ، ކޯޗު ޖޯޖިއޮލީ ގެރީ ޓީމަށް އިރުޝާދު ދިން ފުރަތަމަ މެޗެވެ. އެ މެޗުން ވިކްޓަރީ 4-0 އިން ބަލިވި ނަމަވެސް މިރޭ އެ ޓީމުން މިވަނީ ނިއު ރޭޑިއަންޓް ސިއްސުވާލައި، "ރަސްވާދަ" މެޗު ކާމިޔާބު ކޮށްފަ އެވެ.

ނިއު ވަނީ މިރޭ މެޗުގެ ތިންވަނަ މިނިޓުގައި ލީޑު ނަގައިފަ އެވެ. ލީޑު ނެގީ، އަލީ ފާސިރު (ސެންޓޭ) ގެ ޕާހަކުން ގުއިލާމޭ ޑި ސިލްވާ ކާމިޔާބު ކުރި ގޯލުންނެވެ. އޭގެ އަށްވަރަކަށް މިނިޓް ފަހުން ހަސަން ރާއިފް އަހުމަދު (ހަންނަ) ނަގައިދިން ހުރަހެއް ޑި ސިލްވާ ބޮލުން ފޮނުވާލުމުން ދިޔައީ ގޯލު ދަނޑީ ކައިރިން ބޭރަށެވެ.

ވިކްޓަރީ އެއްވަރު ކުރީ 29 ވަނަ މިނިޓުގައި އަހުމަދު ރިޒުވާން (ރިޒޭ) ތަނަވަސް ކޮށްދިން ފުރުސަތަކުން މިލޯސް ލަޗްނީ އެވެ. މިއީ ލޯނު އުސޫލުން ރިޒޭ ވިކްޓަރީއަށް ބަދަލުވެ، ކުޅެދިން ފުރަތަމަ މެޗެވެ. ރިޒޭ ފުރަތަމަ ބަދަލުވާން އޮތީ ނިއު އަށް ނަމަވެސް އެންމެ ފަހު ވަގުތު ވިކްޓަރީ އަށް ނިންމީ އެވެ.

ވިކްޓަރީ ލީޑު ނެގީ ދެވަނަ ހާފުގަ އެވެ. މެޗުގެ 57 ވަނަ މިނިޓުގައި ލަޗްނީ ވިކްޓަރީގެ ދެވަނަ ގޯލު ބޮލުން ޖެހީ އަލީ ޝާމިސް (ތޮއްޕޭ) ނަގައިދިން ހުރަހަކުންނެވެ.

ލަޗްނީގެ ދެ ގޯލުގައި ވެސް ނިއުގެ ޑިފެންޑަރުން ތިބީ އޭނާ ހުސްވާން ދޫކޮށްލައިގެންނެވެ.

ފަހު 20 މިނިޓަށް ކޯޗު އަލީ ސުޒޭން ވަނީ، ޑިފެންޑަރު އަހުނަފް ރަޝީދުގެ ބަދަލުގައި މިޑްފީލްޑަރު މުހައްމަދު ފާސިރު (ފާއްޓޭ) ކުޅެން އަރުވައިފަ އެވެ. ވިކްޓަރީގެ ތިންވަނަ ލަނޑުގެ ކުރިން އޭނާ އަށް ވަނީ ގޯލު ޖަހަން ތިން ފުރުސަތެއް ލިބި ނާކާމިޔާބު ވެފަ އެވެ.

ވިކްޓަރީ ތިންވަނަ ލަނޑު ލިބުނު ކޯނަރެއްގައި ޖެހީ 86 ވަނަ މިނިޓުގަ އެވެ. ލަޗްނީ މުޅިން ހުސްކޮށް އަރައި ބޮލުން ފޮނުވާލި ބޯޅަ ކީޕަރު މުހައްމަދު ފައިސަލް ރޮނގުމަތިން ޕަންޗު ކުރި ނަމަވެސް ރީބައުންސް ބޯޅަ ހުސްކޮށް ހުރެ ބޮލުން ގޯލުގެތެރެއަށް ފޮނުވާލީ ޑިފެންޑަރު ޖަވޯހިރު އަޒަމޯވް އެވެ.

ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނިޓުގައި ނިއު އިން ފަރަގު ކުޑަ ކުރުމާ ގާތަށް ދިޔަ އެވެ. ނަމަވެސް ސެންޓޭ ހުރަސްކޮށްލި ބޯޅަ ހޯދައި ފާއްޓޭ ފޮނުވާލުމުން އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މި ނަތީޖާއާ އެކު ވިކްޓަރީ މިވަނީ ދެވަނަ ބުރުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް މުހިއްމު ހަ ޕޮއިންޓް ހޯދައިފަ އެވެ. ވިކްޓަރީ ވަނީ މިހާތަނަށް ކުޅުނު 11 މެޗުން 16 ޕޮއިންޓް ހަމަކޮށްފަ އެވެ. ނިއު އަށް 11 މެޗުން ލިބިފައި ވަނީ 20 ޕޮއިންޓެވެ.

މި ހަފްތާގެ ފަހު މެޗު މާދަމާ ހަވީރު ކުޅޭނެ އެވެ. ބައްދަލުކުރާނީ ބުރު ސްޕޯޓްސް އާއި ކްލަބް އީގަލްސް އެވެ.