ސައޫދީ އަރަބިއްޔާގެ ސަހަރާތެރޭގައި ސްނޯ
ސައޫދީ އަރަބިއްޔާގެ ސަހަރާތެރޭގައި ސްނޯ

ޔުނައިޓެޑް އަރަބި އެމިރޭޓްސްއާ ގުޅޭ ބޯޑަރު ސަރަހައްދުން، ސައޫދީ އަރަބިއްޔާގެ ސަހަރާ ތެރެއަށް ބޯކޮށް ސްނޯ ފައިބައި އާދަޔާ ހިލާފް އުފާވެރިކަމެއް އެ ސަރަހައްދަށް ގެނުވައިފި އެވެ.

މި މަންޒަރުތައް ސޯޝަލް މީޑިއާގައި ވައިރަލް ވެފައި ވާއިރު އޭގެ ތެރެއިން އެއް ވީޑިއޯއެއްގައި ފެންނަ ގޮތުގައި މުޅި ސަރަހައްދު ސްނޯއިން ހުދުވެފައި އޮތް އިރު އުޑުމަތި އޮތީ ކަޅު ވިލާތަކުން ބެދި، ވަރަށް ބޮޑަށް ބަނަކޮށެވެ.

މިއީ އާދަޔާ ހިލާފް މަންޒަރަކަށްވެ ސަމާލުކަން އެހާ ބޮޑަށް ލިބިފައިވަނީ އެ ސަރަހައްދަކީ ފިނި ތަނަަކަށް ނުވެފައި އަބަދުވެސް ހޫނު ގަދަ ސަރަހައްދަކަށް ވާތީ އެވެ. ކާރެއްގައި ދަމުން ނަގާފައިވާ އެ ވީޑިއޯއަށް ހާއްސަ ސަމާލުކަމެއް ލިބިފައިވަނީ ސްނޯ ވެހިފައި އޮތް ބޯކަމާއި މުޅި ސަރަހައްދު ހުދުވެފައި އޮތް އިރު އުޑުމަތިން ކަޅު ވިލާތައް ފެންނަން ހުރި ގޮތުން ކަޅާއި ހުދުގެ މަންޒަރެއްގެ ގޮތުގައި ސިފަވާތީ އެވެ.

ޚަލީޖް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިއްޔެ ވަނީ ސައޫދީގެ އިތުރުން ގަތަރުގެ ސަހަރާ ސަރަހައްދަށް ވެސް ސްނޯ ފައިބައިފަ އެވެ. އެ ސަރަހައްދަށް މި ދުވަސްވަރު ލޯ ޕްރެޝާ ސިސްޓަމެއްގެ ސަބަބުން ގަދަޔަށް ވިއްސާރަކުރާތާ ވެސް މިހާރު ހަފްތާއެއް ވެއްޖެ އެވެ.

ސައޫދީގައި ސްނޯ ފޭބި ހުޅަނގު އުތުރު ސަރަހައްދަށް ސްނޯ ފޭބި މި ނާދިރު ހާލަތާ އެކު އެ ސަރަހައްދަށް ވަނީ ހާއްސަ އުފާވެރިކަމެއް ލިބިފަ އެވެ. ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުން ވެސް ސްނޯގެ ތެރެއަށް ނުކުމެ ލަވަ ކިޔައި ނަށާތީ ފެންނަ ވީޑިއޯތައް ވެސް ދައުރުވަމުންދެ އެވެ.

ސައޫދީގެ ވެރިރަށް ރިޔާޟްގެ އުތުރުގެ ބައެއް ހިސާބުތަކަށް ވެސް ވަނީ ސްނޯ ފައިބައިފަ އެވެ. އޭގެ ބައެއް މަންޒަރުތައް ވެސް ބައެއް މީހުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ.

ބައެއް ވީޑިއޯތަކާ އެކު މީހުން ބުނެފައިވާ ގޮތުގައި މައިނަސް 4 ޑިގްރީސެލްސިއެސް އަށް ވަނީ ފިނިހޫނުމިން ދަށަށް ގޮސްފަ އެވެ.

ސައުދީގެ އެސްޓްރޮނޮމިސްޓަކާ ހަވާލާދީ ގަލްފް ނިއުސް އިން ބުނީ ސައުދީގެ ބައެއް ހިސާބުތަކަށް ފިނި މޫސުމުގައި ސްނޯ ވެހުމަކީ އާދަޔާ ހިލާފު ކަމެއް ނޫން ކަމަށެވެ. އޭނާ ބުނީ ކޮންމެ ފިނި މޫސުމެއްގައި ސައޫދީ އަރަބިއްޔާގެ އުތުރުގެ ހިސާބުތަކަށް ބައެއް ފަހަރު ސްނޯ ވެހޭ ކަމަށާއި ނަމަވެސް މޫސުމަށް އަންނަމުންދާ ބަދަލުތަކާ ހެދި އެކަން ބަދަލުވަމުންދާ ކަމަށެވެ. މިފަހަރު ސްނޯ ފޭބީ އެހެން ނޫނީ އެކަން ނުވާ ދުވަސްވަރެއްގައި ކަމަށް އޭނާ ބުންޏެވެ.

ޑިސެމްބަރު މަހާއި ފެބްރުއަރީ މަހާ ދެމެދު ތެރޭގައި ސްނޯ ވެހޭނެ ކަމަށް ބެލެވޭ އިރު، ހާއްސަކޮށް މެޑިޓެރޭނިއަން ކަނޑުގެ މޫސުމުގެ އަސަރު އެންމެ ބޮޑަށް ކުރާ ސަރަހައްދުތަކަށް ސްނޯ ވެހޭނެ ކަމަށް މޫސުން ލަފާކުރާ މީހުން ބުނެ އެވެ. އެގޮތުން، ޖަބަލް އަލް ލައުޒް އާއި ތަބޫކުގެ އުސް ސަރަހައްދުތަކާއި، އަލް ޖޫފް އަދި އުތުރުގެ ބޯޑަރުގެ ބައެއް ސަރަހައްދުތަކާއި، ހަލީލް ފަރުބަދަތައް އަދި އަސީރުގެ އަބާ އަކީ ސްނޯ އެންމެ ގިނައިން ފައިބާނެ ހިސާބުތައް ކަމަށް ލަފާކޮށްފައިވެ އެވެ.