ލޯކަލް ކައުންސިލް އިންތިހާބު: އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ 30 ގައި
ލޯކަލް ކައުންސިލް އިންތިހާބު: އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ 30 ގައި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމަރީ އަަންނަ އަހަރުގެ ޖެނުއަރީ 30 ގައި ބާއްވަން އެ ޕާޓީން ނިންމައިފި އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީން އާންމުކުރި ޓައިމްލައިންގައިވާ ގޮތުން އަންނަ އަހަރުގެ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ އޮންނާނީ ޖެނުއަރީ 30 ވާ ހުކުރު ދުވަހުގެ މެންދުރު 2:30 އިން ރޭގަނޑު 8 ޖަހަންދެންނެވެ.

އެމްޑީޕީން ނިންމާފައި ވަނީ ޕްރައިމަރީ ބާއްވާ ދާއިރާތަކަށް ކުރިމަތިލި ކެންޑިޑޭޓުން ލިސްޓު އަންނަ ހޯމަ ދުވަހު އާންމު ކުރާށެވެ. އަދި ލިސްޓަށް ޝަކުވާ ހުށަހަޅަން 24 ގަޑިއިރުގެ މުހުލަތެއް ދޭނެ އެވެ. އޭގެ ފަހުން ޕްރައިމަރީގައި ވާދަކުރާނެ ކެންޑިޑޭޓުންގެ ލިސްޓު އާންމު ކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

ޕްރައިމަރީ ބޭއްވުމާ ގުޅޭ ޓައިމްލައިންގައި ބުނީ، ވޯޓުލާ މީހުންގެ ލިސްޓު އާންމު ކުރާނީ އަންނަ އަހަރުގެ ޖެނުއަރީ 8 ގައި ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ފޯރިގަދަވަމުން އަންނައިރު މިހާރު އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިންގެ އެންމެ ފޯރިގަދަކޮށް ކުރިއަށް ގެންދަނީ މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ދެ ބޭފުޅުންގެ މެދުގަ އެވެ. މާލޭގެ މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމާއި ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމްގެ ކެމްޕެއިން މާލޭގައި ވަރަށް ގަދައަށް މިހާރު ވަނީ ފަށައިފަ އެވެ.

އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ 30 ގައި ބާއްވާއިރު ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕްރައިމަރީ މި މަހުގެ 27 ގައި ބާއްވާނެ ކަން ވަނީ އިއުލާންކޮށްފަ އެވެ.